Article Image

ވާހަކަ

ވާހަކަ: އާބިދާ (6 ވަނަ ބައި)

ދެމީހުން އެކުގައި ކެއުމަށް އިންސާފުކުރަމުންދިޔައީ ސްކޫލު ދައުރުގެ މަޖާއެކި ވާހަކަތައް ދައްކަމުންނެވެ. ދޭތެރެ ދޭތެރެއިން ސޯފާގައި ޓީވީ ބަލަން އިން ފާތުންގެ މަންމަ ސަކީނާއަށް އެއްޗެއް ބުނެލައި ޖެއްސުން ކޮށްލައެވެ. ކައި ނިމިގެން ފާތުންގެ އެދުމަކަށް ފިހާރައަށް ދިއުމަށް އާބިދާ ތައްޔާރުވެއްޖެއެވެ. އޭނާގެ ފުރިހަމަ ނިޤާބުން ހަށިގަޑުވަނީ އެއްކޮށް ނިވާކޮށްލެވިގެންނެވެ. އޭނާ އެކޭ އެއްގޮތަށް ފާތުންވެސް ބޭރަށް ދިއުމަށް ނިޤާބުލައި ތައްޔާރުވެލިއެވެ.

"މި ރޭ ސައިކު ދުއްވާލަން އަހަރެންނަށް ދީބަލަ" އާބިދާ ފާތުންގެ އަތުުގައި އޮތް ތަޅުދަނޑި ދަމައިގަންނަމުން ބުނެލިއެވެ. "މަށަށް މަގު ކިޔައިދީ.." އާބިދާ އެހެން ބުނެ ފާތުންގެ ސްކޫޕީއަށް އަރައި އިންޖީން އޮންކޮށްލިއެވެ. ފާތުން އެއްވެސް އެއްޗެއް ނުބުނެ އޭނާގެ ފަހަތަށް އަރައި އިށީންދެ ދާންވީ މަގުތައް ކިޔައިދެމުން ދިޔައެވެ. އެމީހުންގެ މިސްރާބު ހުރީ ބަދަރާއި ދިމާލަށެވެ. ސްކޫލު ކަންމަތިން ބޮޑުމަގަށް ގޯޅި އަޅާލިވަގުތު ކުރިމަތިން އައި ސައިކަލުން ނައްޓާލަން އުޅެނިކޮށް އާބިދާގެ ބެލެންސް ކެޓިއެވެ. އަދި އޭނާ އަރި އަޅާލައި ސައިކަލާއިއެކު މަޑުމަޑުންގޮސް ވެއްޓުނެވެ. ފާތުން އެވަގުތު ސައިކަލުން ފުންމާލިއެވެ. އަދި އަވަހަށް އާބިދާ ކައިރިއަށް އޭނާ ދިޔައެވެ. އޭރު އާބިދާގެ މޫނުން ބައެއް އޮތީ ފެންނާށެވެ. ހަމަ އެވަގުތު ސައިކަލެއް އައިސް އެމީހުން ވެއްޓިފައިވާ ތަނަށް މަޑުކޮށްލިއެވެ. އަދި އަވަސް އަވަހަށް އާބިދާގެ ފައި މަތީގައިވާ ސައިކަލު އެ މީހަކު ނަގައި މަގުގެ އެއް ފަރާތުގައި ޕާކު ކުރިއެވެ. ފާތުން އަވަސް އަވަހަށް އާބިދާގެ މޫނު ނިވާކޮށްލައިދިނެވެ. އާބިދާގެ ބޮލަށާއި ފަޔަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ހުރުމުން ދުވާރުމަތީގައި އޭނާ މަޑުމަޑުން އިށީންދެލިއެވެ. "އަހަރެން އެމްބިޔުލާސް އަށް ގުޅަންތަ?" އޯގާތެރި އަޑަކުން އެ މީހަކު އާބިދާއަށް މުޚާތަބުކުރިއެވެ. އެވަގުތު އާބިދާ އޭނާއަށް ބަލާލިއެވެ. އެއީ މިޔަދު ހަވީރު ފުއްޓަރުން ފެނުނު ޒުވާނާއެވެ.

އޭނާ އެސުވާލަށް ޖަވާބުދޭން ބޭނުންވިއެއްކަމަކު, އެވަގުތު އޭނާގެ ދޫ އެކަމަށް ޙަރަކާތެއް ނުކުރިއެވެ. މި ޒުވާނާއާ މިއަދު ބައްދަލުވެ, އެކްސިޑެންޓް ހިނގައި މި ގޮތަށް ދިމާވުން މިއީ އިއްތިފާޤެއްބާއެެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. "އާބީ..އޯކޭ ދޯ!" ފާތުން އަހާލިއެވެ. އާބިދާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދިވެސް އެ ޒުވާނާ އެތަނުން ދާކަށް ނޫޅެއެވެ. އޭނާ މަޑުމަޑުން އެމީހުންނާ ކައިރިއަށް ޖެހިލިއެވެ. އެވަގުތު މަގުމަތީގައި ދިއްލާފައިވީ ހޮޅިދަނޑީގެ އަލި އޭނާގެ މޫނަށް އެޅުނެވެ. އަދި ފާތުންނަށް އެއީ ކާކުކަން އެނގުނެވެ. އެއީ ފާތުންގެ ބޮޑު ބޭބެގެ ހާރޫނެވެ. ފާތުންނަށް އެކަން ނަގައި ގަނެވުނެވެ. ކުޑައިރު ކިތަންމެ އެކީގައި އުޅުނެއްކަމަކު ފާތުންގެ ބައްޕައާއި ޖެހުނު މައްސަލައެއްގައި ހާރޫނުގެ ބައްޕަ އޮންނަނީ ފާޑަކަށް އެ ޢާއިލާއާއި ގުޅުން ކަނޑާލާފައެވެ. އެހެންނަމަވެސް ފާތުން އެގޮތަށް އެކަން ބާވައިގެނެއް ނޫޅެއެވެ. ބޮޑުބޭބެ ފެންނިއްޖެއްޔާ ގޮވާލާ ހަދައެެވެ.

ފާތުން އޭނާ އިށީންދެ އިންތަނުން ތެދުވެ, ހާރޫނު ކައިރިއަށް ޖެހިލައި ވާހަކަދެއްކިއެވެ. " ތިޔާއީ ބޮޑުބޭބެ ހާރުނޫ ދޯ!" ފާތުންގެ އަޑު ޖެހުމާއިއެކު އެއީ ކާކުކަން ހާރޫނަށް ނަގައިގަނެވުނެވެ. "އާނ! ފާތުން ދޯ!" ހާރޫނު ޔަޤީން ކަމާއިއެކު ބުނެލިއެވެ. "ވަރަށް ދުވަސް ވެއްޖެ ދޯ ދިމާ ނުވާތާ!" ފާތުން ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. ހާރޫނު އެކަމަށް އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ. "ދެން އެއީ ކާކުތަ!" ހާރޫނަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. "އެއީ ކާކުކަން ފަހުން ބުނާނަން އިނގޭ! މިހާރު އަހަރެމެން މިދަނީ ގެޔަށް!" ފާތުން އެހެންބުނެ އާބިދާ ކައިރިއަށް ޖެހިލިއެވެ. އަދި އޭނާގެ އެހީތެރިކަމާއިއެކު އާބިދާ ސައިކަލަށް އަރުވައިގެން ގެ އާއި ދިމާލަށް މިސްރާބުކުރިއެވެ. އެމަންޒަރު ބަލަން ފޫހިކަމެއް ނެތި ހާރޫނަށް ހުރެވުނެވެ. އޭނާއަށް ބެލެނީ އާބިދާ އަށެވެ. މިރޭ އޭނާއަށް އެ އަންހެން މީހާގެ ނަން އެނގިއްޖެއެވެ. އެކަންވީ ބުނެދޭން ނޭނގޭ ހިތް ހަމަޖެހުމަކަށެެވެ.

އާބިދާގެ ބޮލުން ކުޑަތަންކޮޅެއް ފަޅައިގެން ގޮސްފައި ހުރުމުން އެތަނުގައި ފާތުން ބޭސް އަޅައިދިނެވެ. އަދި އޭނާ އަރާމުކޮށްލަން ބޭއްވުމަށްފަހު ފާތުން ގޭގެ ބޭރުގައި ހުރި ޖޯލީގައި އޮށޯވެލިއެވެ. އަދި ލޯމަރާލިއެވެ.

...

"އިބްރާހިމްބޭ! އިބްރާހިމްބޭ! ތިގޭ ދޯނި ފަރަށް އަރައިފިއޯ!" ގޭ ތެރެއަށް ބޯ ދިއްކޮށްލަމުން ބޭރުން އައި މީހަކު ގޮވާލިއެވެ. އޭރު ފާތުންގެ ބައްޕަ މެންދުރު ނަމާދަށް ދިއުމަށް ތައްޔާރުވެގެން ނިކުންނަނީއެވެ. ބައްޕައަށް ކުއްލިއަކަށް ހުއްޓުން އެރިއެވެ. އަަދި އެމީހަކު އައިސް ބައްޕަގެ ގައިގައި ހިފައި ހަލުވައި ގަތުމަށް ފަހު ގޮވައިގެން ބޭރަށް ނިކުތެވެ. ބައްޕަގެ ދޯނި ދުއްވަމުން އައީ ހާރޫނުގެ ބައްޕައެވެ. ދޯޏަށް އެފަހަރު ލިބުނު ގެއްލުމުގެ މައްސަލައިގައި ހިނގި ނުތަނަވަސް ކަމުގައި ދެ ޢާއިލާގެ ދެމެދުގައި ނުތަނަވަސްކަންވަނީ އުފެދިފައެވެ. އެދުވަސް ފާތުންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.

ފާތުންގެ ފޯނު ރިންގުވާއަޑަށް އޭނާ ލޯ ހުޅުވާލިއެވެ. އޭނާގެ ފޯނުގައި ސޭވްކޮށްފައި ނުވާ ނަންބަރަކުން އޭރު ގުޅަމުން ދަނީއެވެ. ނުދަންނަ ނަންބަރެއް ވީމައި ފޯނަށް ބަލާލުމަށް ފަހު ސައިލެންޓްއަށް ލުމަށްފަހު އޭނާ އޮތީއެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެނަންބަރުން އޭނާގެ ފޯނަށް ގުޅިއެވެ. މިގަޑީގައި މި ގުޅަނީ ކާކުތަ! ފާތުންގެ ހިތަށް އެރިއެވެ. އެ ފޯނު ކޯލަށް މާބޮޑު ސަމާލުކަމެއް ނުދީ ފާތުން ގޭތެރެއަށްވަނީ ނިދީގެ އަސަރުވެސް ހުރުމާއިއެކުގައެވެ. ނިދާލާ އަރާމުކޮށްލަން އޭނާ ބޭނުމެވެ.

......

ހުދުކުލައިގެ މާތަކުން ކައިވެނީގެ ދެ ކަނބަލުން ތިބުމަށް ތައްޔާރު ކުރެވިފައިވާ ސްޓޭޖު ވަރަށްވެސް ފުރިހަމައެވެ. ވަލީމާގެ ހަފުލާއަށް މުޅި މާޙައުލު ތައްޔާރުކުރެވިފައިވާލެއް ފުރިހަމަކަމުން ކޮންމެ މީހަކަށްވެސް ވަށަައިގެންވާ އެ ފުރިހަމަކަމަށް ބަލާލެވެއެވެ. ހުދު ކުލައާއި ފިޔާތޮށި ކުލައިގެ މަޑު މަޑު ދިއްލުންތަކުން ތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. މުޅި ތަނަށް މަޑު މަޑު ހުވަނދެއްގެ ވަސް ފެތުރިފައިވާއިރު ހިތްގައިމުކަން ތަނަށް ވެރިކުރުވައެވެ. ވަލީމާއަށް ދަޢުވަތު އެރުވިގެން އައި މީހުންގެ ތެރޭގައި އާބިދާވެސް ހިމެނެއެވެ. އޭނާ ހުރީ ފާތުންގެ ޢާއިލާއާއިއެކު ގައެވެ. އެއީ ކާކުގެ ވަލީމާއެއްކަން ނޭނގުނަސް ފާތުންގެ ބުނުމަށް އޭނާއައީއެވެ. އެތެރަށް ވަދެގެން ސްޓޭޖާ ކައިރިއަށް ދާ ވަރަކަށް އާބިދާގެ ހިތުގެ ތެޅުން އަވަސްވަނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. ކައިވެނީގެ ދެ ކަނބަލުންނަށް މަރުޙަބާޔާއި ހެޔޮ ދުޢާކޮށް ހަދިޔާ ދިނުމަށް ދިގު ސަފެއް ހެދިފައި އޮތުމުން ކައިވެނި ކުރެވިފައިވާ ދެ މީހުންނަކީ ކޮންބައެއްކަމެއް އާބިދާއަކަށް އަދި ސާފެއް ނުވެއެވެ. ފާތުން ކައިރީގައި އަހާލަންވެސް އޭނާ ޖެހިލުންވަނީއެވެ. އެ އުފާވެރި މާޙައުލުގައި މަޑުމަޑުން "ޕުލޭ" ކުރެވިފައިވަނީ އާބިދާއަަށް އެންމެ ކަމުދާ އެއް މަދަޙައެވެ. އެއީ އަޙްމަދު ބުޚާޠިރުގެ 'ޒައުޖަތީ' އެވެ. (ނުނިމޭ)

މުޙައްމަދު އަމްޖަދު

ލިޔުންތެރިޔާ

މުޙައްމަދު އަމްޖަދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ