ވާހަކަ
ވާހަކަ: މަންމައިން ދަރިންނަށްޓަކައި ދުޢާކުރުމުގައި ފަރުވާކުޑަ ނުކުރާށެވެ!
މިއީ ދުވަހަކުވެސް ވިޔަފާރީގައި ގެއްލުމެއްނުވާ ކަދުރު ވިއްކާ މީހެއްގެ ވާހަކައެވެ.
ބުނެވޭ ގޮތުގައި، ދިމިޝްޤުގެ ވިޔަފާރިވެރިއަކު އޭނާގެ ރަޙުމަތްތެރިންނާއި ވާދަކޮށް ބުންޏެވެ. "އަހަރެންގެ ވިޔަފާރީގައި ދުވަހަކުވެސް ގެއްލުމަކާ ކުރިމަތި ނުލަމެވެ. ހަމަ އެންމެ ފަހަރަކުވެސް މެއެވެ!!!"
ދެން އޭނާގެ ރަޙުމަތްތެރިން އެކަމާއި، ހީ ސަމާސާކޮށް ބުންޏެވެ. "ތިބާ މުޅި ޙަޔާތުގައިވެސް އެންމެ ފަހަރަކުވެސް، ގެއްލުމަކާއި ކުރިމަތި ނުލާނީ ފަހެ ކިހިނަކުން ހެއްޔެވެ؟"
ދެން އެ ވިޔަފާރިވެރިޔާ، ވާދައެއް ކުރުމަށް އެމީހުން އެދުނެވެ. އަދި އެމީހުން ބުންޏެވެ. ޢިރާޤުގައި ކަދުރުވިއްކައިގެން ފައިދާ ހޯދުމަކީ ނުވާނޭ ކަމެކެވެ.!
އެއީ އެތާނގައި ކަދުރުވަނީ ސަހަރާގައި ހިރަފުސް ވާ ފަދައިންނެވެ. އެހެނީ އެހާވެސް ގިނައެވެ.
އެ ދުވަސްވަރުގައި، ޢިރާޤުގެ ޚަލީފާވަނީ މޫސަލް އަށް ދިޔުމުގެ ދަތުރުފުޅެއްގައެވެ. އެތާނގައި ބަހާރުމޫސުން ވަރަށް ބޮޑަށް ދެމިގެންދެއެވެ. މޫސަލްއަކީ ޢިރާޤުގެ އުތުރުގައިވާ ވަރަށް ރީތި އަވަށެކެވެ. އަދި ބުނެވޭ ގޮތުގައި އެއީ ބަހާރު މޫސުމުގެ މަންމައެވެ. އެއީ، އެތާގެ ހޫނު މޫސުމާއި ފިނިމޫސުން ބަހާރު މޫސުމާއި އެއްގޮތްކަމުންނެވެ.
ޚަލީފާ، ދަތުރުން އެނބުރި ވަޑައިގެންނެވި މަގުމަތީގައި ދަރިކަނބަލުންގެ ހާރުކޮޅު ގެއްލުނެވެ.
އެހިނދު އެކަމަނާ ކީރިތިކުރައްވާ، ބައްޕާފުޅަށް ޝަކުވާ ހުށައެޅުއްވިއެވެ. އަދި ޚަލީފާ އެ ހާރު ކޮޅު ހޯދުމަށް އަމުރު ކުރައްވައި އެހާރު ހޯދި މީހަކަށް ބޮޑު އިނާމެއް ކަނޑައަޅުއްވާ، ދަރިކަނބަލުންނާ ކައިވެނި ކޮށްދެއްވާނޭކަން، ބަޣުދާދުގައި ޢިއުލާން ކުރެއްވިއެވެ.
ކަދުރު ވިއްކުމަށް، ވިޔަފާރިވެރިޔާއަށް ބަޣުދާދަށް ދެވުނު އިރު، ފިރިހެނުން ހޭބޯނާރާ އުޅެމުން ދިޔައީ އެ ހާރު ހޯދުމުގައެވެ.
ވެގެން އުޅެނީ ކީއްތޯ އޭނާ އެހުމުން،
ވެގެން އުޅޭގޮތް އެމީހުން އޭނާއަށް ކިޔައިދިނެވެ. އޭގެތެރެއިން، ބޮޑު މީހާ ބުންޏެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަހަރެމެންނާ އެކު ކާއެއްޗެއްވެސް ނުގެނެވެއެވެ. އަލުން އަނބުރާ ބަލާދެވޭކަށް ވެސް ނެތެވެ. ގޮސްފިނަމަ އެހެންބަޔަކު އަހަރެމެންނަށް ވުރެއް ކުރިން ހާރު ހޯދައިފާނެއެވެ.
ދެން ވިޔަފާރިވެރިޔާ ދެއަތް ދެއަތާއި ޖަހާލާފައި ބުންޏެވެ. "އެހެންވިއްޔާ އަހަރެން ތިޔަބައިމީހުންނަށް ކަދުރު ވިއްކައި ފާނަމެވެ. "
އަދި އެމީހުން ވިޔަފާރިވެރިޔާގެ އަތުން އެންމެ ބޮޑު އަގުގައި ކަދުރު ގަތެވެ.
އެހިނދު ވިޔަފާރިވެރިޔާ ބުންޏެވެ. "މިހާރު އަހަރެން ވާދައިގައި މޮޅުވެއްޖެއެވެ. "
ކަން ހިނގައި ދިޔަގޮތުގެ ޚަބަރު ހަލުވިކަމާއެކު ފެތުރުނެވެ. އަދި ޚަލީފާއާއި ހަމައަށް ޚަބަރު ގޮސްފިއެވެ. ކަދުރުވިއްކާ މީހަކު ޢިރާޤުގައި ކަދުރުވިއްކައިގެން ފައިދާ ހޯދި ވާހަކައެވެ. މި ވިޔަފާރިވެރިޔާގެ ވާހަކައާއި މެދު ޢަޖާއިބުވެ، އޭނާއާއި ބައްދަލުކުރެއްވުމަށް ޚަލީފާ އެދުނެވެ.
ދެން ޚަލީފާ، ވިޔަފާރިވެރިޔާއާއި ބައްދަލުވި ހިނދު، އޭނާގެ ވާހަކަ ކިޔައިދިނުމަށްއެދުނެވެ. ވިޔަފާރިވެރިޔާ ބުންޏެވެ. "ﷲ ސާހިބާގެ ދަރަޖަ އުފުއްލަވާށިއެވެ. އަހަރެންގެ ވާހަކައަކީ، އަހަރެންގެ ޙަޔާތުގައި ވިޔަފާރި ކުރަންފެށިފަހުން، ﷲ ގެ ރަޙުމަތުން ދުވަހަކުވެސް ގެއްލުމަކާއި ކުރިމަތިނުލަމެވެ."
އެހިނދު އެއީ ކީއްވެގެންތޯ ޚަލީފާ އެއްސެވެމުން އޭނާ ބުންޏެވެ. "އަހަރެންނަކީ ފަޤީރު ޔަތީމަކީމެވެ. އަދި އަހަރެންގެ މަންމައަކީ ނުކުޅެދޭ މީހެކެވެ. ކުޑައިރުންފެށިގެން ނިކަމެތި ޙާލުގައި އަހަރެން އައީ މަންމަ ބަލަހައްޓަމުންނެވެ. ބުރަ މަސައްކަތް ޅައުމުރުގައި ކުރަންޖެހުނީ އަހަރެމެން ދެމައިންގެ ބަނޑުހައިހޫނުކަން ފުއްދަމައްޓަކައެވެ.
ދެން އަހަރެންގެ ޢުމުރުން ވިހިއަހަރުގައި، މަންމަގެ މަރުގެ ތަންމަތީގައި....
ދެއަތް މައްޗަަށް އުފުލައި، އެ މަންމަ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޙަޟްރަތަށް ދުޢާ ދެންނެވިއެވެ. އަހަރެންނަށް އެހީތެރިވެ ވޮޑިގެންވުމަށާއި ދެދުނިޔޭގައިވެސް އަހަރެންނަށް އެއްވެސް ގެއްލުމެއް މެދުވެރި ނުކުރެއްވުމަށެވެ. އަދި ގަނޑުވަރުތެރޭގެ ބޭކަނބަލަކާއި ކައިވެނިވުމަށް މެދުވެރި ކޮށްދެއްވުމަށެވެ. އަދި އަހަރެންގެ އަތުގައިވާ ހިރަފުސް ރަނަށް ބަދަލު ކޮށްދެއްވުމަށެވެ....... "
ވާހަކައިގެ ތެރެއިން ވިޔަފާރިވެރިޔާ ވިސްނުމެއްނެތި އަތްފުރާ ވެލިނެގިއެވެ.
އޭނާ ވާހަކަދައްކަމުން ދިޔައިރު، ޚަލީފާ ހިނިވަރުނަ ކުރެއްވިއެވެ. އެވަގުތު އޭނާގެ އަތުގެތެރެއިން އާދަޔާއި ޚިލާފު އެއްޗެއް ޚަލީފާ ދެކެވަޑައިގަތެވެ.
އެއީ އެ ރަން ހާރެވެ.!!!
މަންމަގެ ދުޢާގެ ސަބަބުން އޭނާވީ ކާމިޔާބުކަމާއެކު ޢިރާޤުގައި ކަދުރުވިއްކި ފުރަތަމަ މީހާއަށެވެ. އަދި ޚަލީފާގެ ދަނބި ދަރިކަލުންނަށް ވެ ވަޑައިގަތެވެ.
ސުބުޙާނަ ﷲ..
ﷲ ސުބުޙާނަހޫ ވަތަޢާލާ އެ މަންމަ ދަރިފުޅަށްޓަކައި ކުރި ދުޢާ އިޖާބަކުރެއްވީއެވެ.!!!
ކިޔުންތެރިންނޭވެ! އެއްވެސް މީހަކު ތިބާއަށް ފާގަތި ދުވަހެއް ހޯދައިދިނުމަށް އައިސް ދޮރުގައި ޓަކި ޖަހާނެކަމަށް ދެކިގެން ނުހުންނާށެވެ. ތިބާގެ އުފާވެރިކަމަށްޓަކައި ދޮރުހުޅުވާނީ ތިބާއެވެ. ދެން އެ ހޯދުމަށް މަސައްކަތް ކުރާށެވެ. އޭރުން ﷲ ތިބާ މާޔޫސް ނުކުރައްވާނެއެވެ.
އޭ ﷲ! އަޅަމެންގެ މައިންބަފައިންގެ ކިބައިން ހެޔޮކަން އަޅަމެންނަށް މިންވަރު ކުރައްވާނދޭވެ. އެމީހުން ދުނިޔޭގައި ނެތްނަމަ، އެމީހުންގެ ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވާންދޭވެ! އާމީން!
ނެގިއިފައިވަނީ: އަޖުމަލު މާ ޤަރައްތު ފީ އައް-ލުޣަތި ވަލްއަދަބް
ޢިބަރު -
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2
މައިދާން ޔޫތު ޗެމްޕިއަންޝިޕް 2025 ގެ ގުރުނެގުން ކުރިއަށް ގެންގޮސްފި
10 September 2025
0
ޕްރޮޖެކްޓް އައްކަންގެ އިސްނެގުމާއިއެކު ދ.ވައްލަ ސާފުކޮށް ނިމިއްޖެއެވެ.
26 August 2025
4
ދ.އަތޮޅުގައި ވަދު ކަނދުފައްޗެއް ޤާއިމުކޮށްފި
25 August 2025
1
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައްޕައިންގެ ދައުރު
19 August 2025
0