ވާހަކަ
ވާހަކަ: އާބިދާ (7 ވަނަ ބައި)
ފާތުންގެ ފަހަތުން ސަފުގައި އާބިދާވެސް ކުރިއަށްދެއެވެ. އެއީ އޭނާގެ ވަލީމާ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އާބިދާ މެންނަށް ސްޓޭޖުގެ ކައިރިއަށް ދެވުނެވެ. އޭނާގެ ނަޒަރު ހުރީ ހުދުގަމީހާއި އަޅި ކޯޓަކާއި އަޅި ފަޓުލޫނެއްގައި ހުރި ޒުވާނާއަށެވެ. އޭރު އޭނާ މެހެމާނުންނާއި ސަލާމް ކުރަމުން ދަނީއެވެ. ޒުވާނާގެ މޫނުމަތީގައިވަނީ އުފާވެރި ކަމުގެ ކުލަތަކެވެ. ސަލާމް ކުރަމުންދިޔަ ޒުވާނާގެ ޙަރަކާތްތަކަށް ހުއްޓުމެއް އައިސްފިއެވެ. އޭނާގެ މޫނު މަތީގެ އުޖާލާކަން ގެއްލިއްޖެއެވެ. ފާތުންގެ ޢާއިލާ އޭނާއަށް އެގުނީ އެވެ. އަދި އާބިދާ އެތަނުގައި ހުރިކަން ފާހަގަ ކުރެވުނީއެވެ. އާބިދާއަށްވެސް އުނދަގޫ ވާންފަށައިފިއެވެ. އޭނާއަކަށް އެ އިޙްސާސްތަކެއް މިއަދަކު ނުފޮރޮރުވުނެވެ. ގިސްލެވެން ފެށުނެވެ. އަދި ސަފުން ނުކުމެ ބޭރު ދޮރާއި ދިމާއަށް އާބިދާ ދުއްވައިގަތެވެ. އެވަގުތު ފަހަތުން މީހަކު އޭނާގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ. އެހެން ނަމަވެސް އެއަޑަށް އިޖާބަ ދޭވަރަށްވުރެއް އޭނާ ވަނީ ދެރަވެ ވަރުބަލި ވެފައެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް އަތުގައި ހިފައި އެމީހާގެ ހަށިގަނޑުގެ ހިމާޔަތުގެ ތެރެއަށް އާބިދާ ގެންގޮސްފިއެވެ. އޭރުވެސް އޭނާއަށް ދިޔައީ ރޮވެމުންނެވެ. ގިސްލެވެމުންނެވެ. ...
ކޮޓަރީގައިވާ މަޑު އަލިކަމުގެ ތެރޭގައި އާބިދާ އޭނާގެ އެނދުގައި އޮތް އިރު ގިސްލެވެމުން ދެއެވެ. ގިސްލެވުން ގަދަވެ އޭނާއަށް ހޭލެވިއްޖެއެވެ. އޭރު މުޅި މީހާވަނީ ދާހިއްލާފައެވެ. އެއީ ހުވަފެނެކެވެ. ހުވަފެނުން ފެނުނު ޒުވާނާއަކީ އޭނާއާ އެއްވެސް އިރެއްގައި ގުޅުމެއް އޮތް މީހެއްވެސް ނޫނެވެ. ހުވަފެނުގައި ފެނުނީ ހާރޫނެވެ. "ހާރޫނު އަހަރެންނަށް ފެންނަންވީ ކީއްވެގެން ހެއްޔެވެ!" އާބިދާގެ ހިތަށް އެރިއެވެ. އެއީ ހުވަފެނެއްކަމަށް ބަލައި އާބިދާ ނިދޭތޯ މަސައްކަތް ކުރަންފެށިއެވެ. އެނދުގައި އެތައް އިރެއްވަންދެން ދެފަރާތައް ފުރޮޅި ފުރޮޅި އާބިދާއަށް އޮވެވުނެވެ. ނިދި އޭނާއާއި ރުޅިވެފައިވާ ފަދައެވެ. އަދި ގަޑިން 12 ޖެހީއެވެ. ރޭގަނޑުގެ 3 ބައި ކުޅަ އެއްބައި އަދިވެސް އޮތީއެވެ.
........
ޔުމާނުގެ އަތުގެ ހިމާޔަތުގެ ތެރޭގައި ހުރި އާބިދާ އޭނާގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ. "ރޭގަ އަހަރެން އެގޮތަށް މިތަނަށް ގެނައީ ކީއްވެގެން! ޔުމާން ބުނި ނަމަވެސް އަހަރެން އަންނާނެދޯ!" ޔުމާނުގެ ޖަވާބަކަށްވީ ލުއި ހިނިތުންވުމެކެވެ. އެކަމާމެދު އިތުރު އެއްޗެއް އޭނާ ނުބުނެއެވެ. އާބިދާއަށް އޭނާގެ ފޯނު ދިއްކޮށްލިއެވެ. އަދި ގޭ މީހުންނަށް އޭނާ ވީތަނެއް މެސެޖަކުން އަންގާލަން ބުންޏެވެ. "މިހާރު ވަރަށް ބަނޑުހައި ވެފައެެއްނު ތިޔަހުރީ, ހިނގާ ތިރިއަށް އެއްޗެއް ކާލަން!" ޔުމާނު އާބިދާގެ އަތުގައި ހިފަމުން ބުނެލިއެވެ. "ކޮންބައެއް ދެން މީގަ އުޅެނީ!" ބޯޓުގަ އަހަރެންނާއެކު އިތުރު 2 ރައްޓެހިން ތިބީ" ޔުމާނުގެ ޖަވާބު ވަރަށް ސީދަލެވެ. އާބިދާ އޮޅުންފިލުވަން ބޭނުންވީ އިތުރު އަންހެން ރައްޓެއްސެއް އުޅޭތޯ ބެލުމެވެ. "ކުޑޫ މެން ނުގެންނަންތަ?" ޝަކުވާގެ ރާގަކަށް އާބިދާ ބުނެލިއެވެ. "އެމީހުން މިރޭ ޖޮއިންކުރާނެއޭ. އަހަރެމެން އޭގެ ކުރިން މަޖާކޮށްލަން ކުރިންމި އައީ." ޔުމާނުގެ ޖަވާބުން އާބިދާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ޔުމާނާއެކު ތިރިއަށް ފޭބިއެވެ. އޭރު ޔުމާނުގެ ރައްޓެހިން ތިރީގައި ކެއުމަށް އިންސާފުކުރަން ތިއްބެވެ.
"އޭ ޔުމާން! ހާދަ ރީތި މަންޖެއެކޭ ދޯ! އަހަރެންނަށް ދޭންވީނުން!" އޭގެތެރެއިން އެކަމު އާބިދާއާ ދިމާއަށް ސީދާ ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. "އާނ! ހަމަ ގެންދަންވީ! ހަ.ހަހަ" ޔުމާނުގެ އެ ޖަވާބުގެ ސަބަބުން އާބިދާއަށް ކުޑަކޮށް ނުރުން ތެރިވެވުނެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ހިނިތުންވުން ގަދަކަމުންނަމަވެސް ދައްކައިގެން ހުރީ ޔުމާނާއިއެކު ހޭދަކުރެވޭ ވަގުތުކޮޅު ޚަރާބު ވެދާނެތީއެވެ. އަދި އޭނާގެ ސިކުނޑިއަށް އެއީ އެމީހުން މަޖަލަކަށް ދެއްކި ވާހަކައެއްކަމަށް ވިސްނައިދިނެވެ. "ގެންދެބަލަ! ނުކެރޭނެ ގެންދާކަން! އަހަރެންމީ ޔުމާނުގެ..ދޯ!" އާބިދާ ދެރަނުވާންވެގެން އެ ވާހަކައިގެ ތެރެއަށް ގުޅުނެވެ. އެވަގުތު އެމީހުން ލާނެއް ފާޑަކަށް ހީގަތެވެ. "ގަދައޭ ދޯ! ޔުމާނުގެ ޗިކް" އެމީހަކު ބުންޏެވެ. ކެއުމާއި ވާހަކައިގައި އެމީހުން އެތައް އިރެއް ހޭދަކުރިއެވެ. ހަވީރު އަތަށް އެޅުމުން އާބިދާ ގޮވައިގެން ޔުމާނު ދިޔައީ ބޯޓުގެ އެންމެ މައްޗަށް ސަންސެޓް ބަލާލުމަށެވެ. އެމީހުންގެ ގައި ގޯޅި އުޅުމަކީ ދެމަފިރިން އެކަކު އަނެކަމާމެދު ބާވާފަދަ ގުޅުމެކެވެ. ޔުމާނުގެ ދެ އެކުވެރިން މިރެއަށް ބޭނުންވާ ބައެއްތަކެއްޗާއި އިތުރު މީހުން ގެނައުމަށް ޑިންގީގައި ރަށަށް ފޭބިއެވެ. ބޯޓުގައި ތިބީ މިހާރު އެދެމީހުން އެކަންޔެވެ.
އިރު އޭގެ ވާޖިބު އަދާކޮށް އޮއްސެންދާ މަންޒަރުން ދުވާލުގެ ވާހަކަތައް ލިޔެ ނިމުނު ކަހަލައެވެ. އަދި ރޭގަނޑުގެ މިލަ ހަނދުވަރާއި ހަނދާ ތަރިތަކާއި ދަތުރުކުރަމުންދާ ވިލާތައް މިރޭ އައު ވާހަކައެއް ލިޔަން ތައްޔާރުވާކަހަލައެވެ.
..............
ފެނުނު ހުވަފެނުގެ ސަބަބުން ނުނިދި އޮތް އާބިދާއަށް އޭނާގެ މާޒީގެ އެންމެ ހިތި ދުވަސްތައް އަނެއްކާވެސް ހަނދާނަށް އައެވެ. އެއީ އޭނާ އެ މާޒީއެއް ހަނދާން ނައްތާލަން މަސައްކަތްކުރަމުން އަންނަ އަނދިރި ގަނޑެކެވެ. އެ އަނދިރި ކަމަށް އަލިކަމެއް ހޯދުމަށް އޭނާ ގަދައަޅައި މަސައްކަތް ކުރެއެވެ. މާތް الله ސާބިތުކަމާއިއެކު ދުޢާކުރެއެވެ.
ބޮލަށް ލިބިފައިވާ އަނިޔާގެ ސަަބަބުން ރިހުން ހުއްޓެއްކަމަކު އޭނާގެ ވެރި ރައްބަށް އޭނާގެ ވާހަކަތައް ދަންނަވާލަން ބޭނުންވިއެވެ. ހިތުގެ އުދާސްތަކާއި ކެކުޅުންތައް އަދި ޝަކުވާތަކުގެ އަޑު އެއިލާހަށް އޭނާ ދަންނަވަނީ އިޖާބަ ކުރަށްވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އެކުގައެވެ.
ފާޚާނާއަށްވަދެ ތައްޔާރުވެލައިގެން އާބިދާ ދަމު ނަމާދުގެ ދެރަކުޢަތައް އަތް އުފުލާލިއެވެ. އަދި ފަހު ރަކުޢަތުގެ ސަޖިދާގައި އޭނާގެ ހިތުގެ އެދުންތައް ކަރުނުން ދެ ލޯ ތެމިގެންވާ ޙާލުގައި ބަންޑުންކޮށްލިއެވެ. ފާފަފުއްސެވުމާއި ތެދުމަގު ދެއްކެވުމަށާއި, އުފާވެރި ޒަވާޖީ ޙަޔާތެއް މިންވަރު ކުރެއްވުމަށް އެދި އޭނާގެ ވެރި ރައްބަށް އާދޭސް ދަންނަވަމުން ގެންދިޔައެވެ. ކަންކަމުގައި ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އޭނާ އެދި ދަންނަވާ ސަބަބުތައް ގިނަ ގުނައެވެ.
"ސަލާމް. މިއީ ހާރޫން. ރޭގަ އަހަރެންގެ ސަބަބުން އަސްލު އެ ކުއްޖާ ވެއްޓެން މެދުވެރިވީ. އޭނާ ރަނގަޅުތަ މިހާރު. ވަރަށް ބޮަޑަށް ސޮރީ އޭ ބުނެލަ ދީބަލަ." ފާތުން އޭނާގެ ފޯނަށް ރޭގައި ނޭނގޭ ނަންބަރަކުން ކޮށްފައިވާ މެސެޖު ކިޔާލިއެވެ. "ހޫމް .. ހާރޫނު ދޯ އެހެންވީމާ މި ގުޅީ." ފާތުން, އާބިދާގެ ކޮޓަރިއާ ދިމާލަށް ދަމުން ހިތަށް އެރިއެވެ. ދޮރުގައި ދެ ފަހަރަކު ޓަކި ޖަހާލުމާއިއެކު އާބިދާ ދޮރު ހުޅުވައިފިއެވެ. "ރޭގައި ޔޫ ނުވެސް ނިދަނީތަ.!" ފާތުންނަށްވުރެއް ކުރިން ސުވާލުކުރީ އާބިދާ އެވެ. " އަހަރެންދޯ ތިޔަ ސުވާލެއް ކުރަންވީ.. މިހާރު ނަމާދު ކުރީތަ!", " ބަލަ ނަމާދު ނުކޮށް ހުރެވޭތަ! ނަމާދަށް ގޮވިތާ މިހާރު ކޮން އިރެއް! ދޭ ބަލަ ނަމާދުކުރަން." ފާތުންގެ ސުވާލަށް ސަކަ ގޮތަކަށް އާބިދާ ރައްދު ދިނެވެ. ފާތުން ކޮޓަރިން ނިކުންނަން ދަމުން ކުއްލިއަކަށް ހާރޫނު ފޮނުވާފައި އިން މެސެޖުގެ މަތިން ހަނދާންވިއެވެ. (ނުނިމޭ)
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0