މަޒުމޫނު
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަންހެނުންގެ ދައުރު
މިއަދު މިވަނީ އެކި އެކި ނަންނަމުގައި، އަންހެނުންގެ ޙައްޤުތަކަށާއި، ދެޖިންސުގެ ހަމަހަމަކަމަށް ގޮވާލަމުން އަންނަ ދުވަސްވަރަކަށްވެފައެވެ. އަދި މިފަދަ ގޮވެލިތަކުގައި މުސްލިމު އަންހެނުންވެސް މިވަނީ ޖެހިފައެވެ. މީގެ އެއްސަބަބަކީ މުސްލިމުން ދީނީ އިރުޝާދުތަކަށް ފުރަގަސްދީ، އަންހެނުންނާއިމެދު ކަންތައްތައް ކުރަމުންދާ ނިކަމެތި ގޮތެވެ. އެހެންކަމުން ބައެއް އަންހެނުންވަނީ، އެކި އެކި މަގުފުރެދިފައިވާ ފިކުރުތަކުގައި ޖެހި ހެޔޮ މަގުން އެއްކިބާވެފައިވެއެވެ. ކޮންމެ ވަގުތެއްގައި، އަދި ކޮންމެ ޙާލެއްގައި އަހަރެމެން އިސްލާމްދީނުގައިވާ އުސޫލުތަކަށް ތަބާވާނަމަ، އަދި އަންހެނުންނަށް ﷲ ދެއްވުމަށް އަންގަވާފައިވާ ޙައްޤުތައް އެމީހުންނަށް ފިރިހެނުން ދިންނަމަ، އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުވީހެވެ. މިގޮތުން އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުން އެންމެ ފުރަތަމަ ފެށެނީ އެމީހުންގެ އަމިއްލަ ނަފްސުތަކުންނެވެ. އަންހެނުން އެންމެ ފުރަތަމަ އެމީހުންގެ ނަފްސުތަކަށް އިންސާފުވެރިވާންވީ އެވެ. އެއަށް ފަހު އަންހެނުންނާއި މެދު އިންސާފުން ކަންކުރުމަށް ފިރިހެނުންގެ ކިބައިން އެދެންވީ އެވެ.
މިގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި:-
1- އަންހެނަކަށްވީތީ އުފާކުރާށެވެ. އަމިއްލަ ނަފްސާއިމެދު ނިކަމެތިކޮށް ނުދެކޭށެވެ. އަންހެން ދަރިއަކު ލިބިއްޖެނަމަ، އެކަމާއި ދެރަނުވާށެވެ. އެކަމާއި އުފާކުރާށެވެ. އަދި އެދަރިފުޅަށް ހެޔޮ ތަރުބިއްޔަތު ދޭށެވެ. އެއީ އަންހެން ދަރިން ހެޔޮ ގޮތުގައި ބަލައި ބޮޑުކޮށްފިނަމަ އެމީހަކަށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރި ޚަބަރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެއްވާފައެވެ.
2- ތިބާގެ އަންހެން ދަރިންނާއި، އަދި ފިރިހެން ދަރިންނާއި މުޢާމަލާތް ކުރުމުގައި ތަފާތު ނުކުރާށެވެ. ކުދިންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރުމަކީ ވާޖިބެކެވެ. ގޭގެ މަސައްކަތްކުރުން ހަމައެކަނި އަންހެން ކުދިންނާއި ޙަވާލުނުކުރާށެވެ. ފިރިހެން ކުއްޖަކަށް ވީތީ މިކަންކަމުން ކުއްޖާ އެކަހެރި ނުކުރާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގޭގެ އަހުލުވެރިންގެ ޚިދުމަތުގައި ހުންނަވައެވެ. އެހެންކަމުން ފިރިހެން ދަރިފުޅުގެ ނަމޫނާއަކީ އެކަލޭގެފާނުކަމުގައި ހަދާށެވެ. އަންހެން ދަރިފުޅަކީ ފިރިހެން ދަރިންގެ ޚާދިމެއް ކަމުގައި ނަހަދާށެވެ. ތިބާގެ އަންހެން ދަރިފުޅަކީ އެހެން މީހުންގެ އަމުރަށް ބޯލަނބަން ހުންނަ ކުއްޖަކަށް ނަހަދާށެވެ. އަދި ޖާހިލުކަންމަތީ އެކުއްޖާ ތަރުބިއްޔަތު ނުކުރާށެވެ. އަދި އާދަކާދައާއި ޘަޤާފަތްތައް މަތީގައިވެސް މެއެވެ. އަންހެން ދަރިފުޅަށް އޭނާގެ ޙައްޤުތަކަކީ ކޮބައިކަން ބުނެދޭށެވެ. އަދި އޭނަގެ ވާޖިބުތައް އަދާކުރުމަށް ދަސްކޮށްދޭށެވެ. ތިބާގެ ފިރިހެން ދަރިފުޅު، އަމުރުވެރި،އަދި އަނިޔާވެރި ކުއްޖެއް ކަމުގައި ބޮޑުނުކުރާށެވެ. އެހެންނަމަވެސް އޭނާއަށް ރަޙްމަތާއި، އޯގާވެރިކަމާއި، ނަބަވީ އަޚްލާޤު ދަސްކޮށްދޭށެވެ.
3- ތިބާގެ އަންހެން ދަރިންގެ މައްޗަށް އަމުރު ހިންގުމަށް، ތިބާގެ ފިރިހެން ދަރިންނަށް ދޫކޮށްނުލާށެވެ. ކިޔަމަންތެރިވެ، ހެޔޮކޮށް ހިތަންޖެހެނީ މައިންބަފައިންނަށެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް ނޫނެވެ. އަދި ފިރިހެން ދަރިންގެ މައްޗަށް، ބައްޕަ ދުނިޔޭގައި ހުރިހާ ހިނދަކު ވަލީވެރިކަން ނުލިބެއެވެ.
4- އަންހެން ޑޮކްޓަރުން ތިއްބައި އެއްވެސް ޟަރޫރަތެއް ނެތި ފިރިހެން ޑޮކްޓަރަށް ދައްކަން ނުދާށެވެ. އެއީ އެއިން ދޭހަކޮށްދެނީ، އަންހެނުންގެ ޤާބިލުކަމާއި މެދު ތިބާގެ އިތުބާރު ދަށްކަމެވެ. އަދި އެމީހުންގެ މަސައްކަތާއިމެދު ތިބާ ހިތްހަމަ ނުޖެހޭ ކަމެވެ. (ދީނީ ގޮތުންވެސް ޟަރޫރަތަކާއި ނުލައި ފިރިހެން ޑޮކްޓަރުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުން ހުއްދައެއް ނޫނެވެ.)
5- ފައިދާ ހުރި ފޮތްތައް ކިޔައި ޢިލްމު އުނގެނޭށެވެ. އިސްލާމްދީން ދަސްކުރާށެވެ. އޭރުން ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއިއެކީ އެކި މައްސަލަތައް ޙައްލުކުރަން ދަސްވެގެންދާނެއެވެ.
6- ތިބާއަށް ލިބެން ޖެހޭ ޙައްޤުތަކާއި، ތިބާގެ މައްޗަށްވާ ޙައްޤުތަކަކީ ކޮބައިކަން ދެނެގަންނާށެވެ. އަދި އެހެން މީހުންގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. އަދި އެއަށްފަހު އެހެންމީހުންގެ ފަރާތުން ތިބާއަށް ލިބެންޖެހޭ ޙައްޤުތަކަށް އެދޭށެވެ. ޘާބިތުކަމާއިއެކުގައެވެ. އެހެންނަމަވެސް، އަނިޔާވެރިވެގެން އެޙައްޤުތައް ހޯދަން މަސައްކަތް ނުކުރާށެވެ.
7- ހުވަފަތްވެފައިވާ އަންހެނުންނާއި، ވަރިވެފައިވާ އަންހެނުންނާއި ފިރިހެނުން ކައިވެނި ކުރުމަށް ދެކޮޅު ނަހަދާށެވެ. އެއީ އެމީހުންނަށްވާ ރައްކާތެރިކަމެކެވެ. އަދި މިދީނުގައިވާ ސުންނަތެކެވެ.
8- ތިބާއަކީ ޖީލެއް ބިނާކުރާ ފަރާތެކެވެ. ތިބާގެ މިދައުރާއި މެދު ތިބާ ހެއްލުންތެރިނުވާށެވެ. އަދި މިކަމުން ފިލަން މަސައްކަތް ނުކުރާށެވެ. ތިބާގެ މިމަސައްކަތް ޚާދިމުންނާއި ޙަވާލުނުކުރާށެވެ. އަދި ކިއެއް މިމުހިއްމު ވަޒީފާ ތިބާ އަމިއްލައަށް އަދާކުރާށެވެ. އިޚްލާސްތެރިކަމާއި، ޖޯޝާއި އެކީގައެވެ. ތިބާގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަނުކުރާށެވެ. މިކަމަކީ ﷲގެ ޙަޟްރަތުގައި ތިބާ ޖަވާބު ދާރީވާންޖެހޭ ކަމެކެވެ. މުޖުތަމައުގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައިވާއިރު، އަހަރުތަކެއް ފަހުން އެމީހުން އެތަރުބިއްޔަތުކުރާ ދަރިންވެގެންދާނީ މުޅި މުޖުތަމައެވެ. މިއަދު މަންމައިން ވަރަށް ގިނައެވެ. އެކަމަކު އޭގެތެރެއިން، ލީޑަރުންނާއި، ޢާލިމުން އުފެއްދިފައިވަނީ މަދުބަޔަކަށެވެ. އޭ އުޚްތާއެވެ. ވަރަށް ޝަރަފުވެރި އަދި ޚާއްސަ މަންމައަކަށްވާށެވެ. މިއަދު އަހަރެމެން މިވަނީ އެފަދަ ދެވަނައެއް ނެތް ހަރުދަނާ ޞާލިޙު ޖީލަކަށް ބޭނުންވެފައެވެ.
ތަރުޖަމާ: ޢާބިދާ މުއައްޔިދު ލިޔުއްވާފައިވާ ''ސުންނަތުއް ތަފާޟުލް'' މިފޮތުން ނެގިފައި
ލިޔުންތެރިޔާ
ހުޝާމާ އަޙްމަދު
މިހާތަނަށް ކޮމެންޓެއް ނެތް
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2
މައިދާން ޔޫތު ޗެމްޕިއަންޝިޕް 2025 ގެ ގުރުނެގުން ކުރިއަށް ގެންގޮސްފި
10 September 2025
0
ޕްރޮޖެކްޓް އައްކަންގެ އިސްނެގުމާއިއެކު ދ.ވައްލަ ސާފުކޮށް ނިމިއްޖެއެވެ.
26 August 2025
4
ދ.އަތޮޅުގައި ވަދު ކަނދުފައްޗެއް ޤާއިމުކޮށްފި
25 August 2025
1
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައްޕައިންގެ ދައުރު
19 August 2025
0