ވާހަކަ
ވާހަކަ: އާބިދާ ( 4 ވަނަ ބައި )
ދެމީހުންގެ ނަޒަރު ހިނދުކޮޅަކަށް ނަމަވެސް ދިމާވިއެވެ. އާބިދާ އަވަސް އަވަހަށް އޭނާގެ ނަޒަރު ތިރިކޮށްލިއެވެ. ދެވަނަ ފަހަރަށް ބަލާލަން ހިތް އެދެމުން ދިޔައީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހިތް ކިތަންމެ ވަރަކަށް އެދުނުކަމުގައިވިޔަސް އާބިދާ އޭނާގެ ލޮލުގެ އެދުމަށް އިޖާބަދޭކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ޤުރްއާނުގެ އާޔަތެކެވެ. އެއީ ނޫރު ސޫރަތުގެ 31 ވަނަ އާޔަތެވެ. މުއުމިނު އަންހެން ކަނބަލުންނަށް އެކަނބަލުންގެ ބެލުން ތިރިކުރުމަށް އަންގަވާފައިވާ އާޔަތެެވެ. އާބިދާ އޭނާގެ ނަފްސުގެ އެދުންތަކުގައ އޮބިއެޅިއެވެ.
"އަޅެ! މިއީ ކާކުތަ؟ އަދިވެސް އަހަރެންނަށް ބަލަހައްޓައިގެން އެބަހުއްޓެންނު! ހޫނ.. މިއީ ހަމަ ފިރިހެނުންގެ ގޮތަކީ.. ހީވަނީ ބުޅާ މަސްގަނޑަށް ބަލަހައްޓައިގެން ހުންނަހެން.." އާބިދާ ހިތުން ހާރޫނަށް ވަރަށް އެއްޗެހި ކިޔައިފިއެވެ. އެއީ ހާރޫނު އޭނާއަށް ބަލާކަމުގެ އިހުސާސު ކުރެވޭތީއެވެ. އާބިދާ ހިތަށް އެރިއެވެ. މި ފިރިހެނުންނަށް ނޫރު ސޫރަތުގެ 30 ވަނަ އާޔަތުގައިވާ, ފިރިހެނުންގެ ބެލުންތައް ތިރިކުރަން އަންގަވާފައިވާކަން ހަމަ ނޭނގެނީބާއެވެ. ފިރިހެނުންނަކީ ހާދަ ފާޑެއްގެ ބައެކެވެ. މިއީ ހަމަ ހުރިހާ ފިރިހެނުންގެ ގޮތް ހެއްޔެވެ؟ އާބިދާ އަށް ފޫހި ގޮތަކަށް އޭނާގެ ތުންފަތް އަނބުރާލެވުނެވެ. އޭނާއަށް އޮތް ހިތްހަމަޖެހުމަކީ އެ މަންޒަރު އެ ފިރިހެނާއަށް ނުފެންނާނޭ ކަމުގެ ހިތް ހަމަޖެހުމެވެ. އެކަމާ ވިސްނާލާފައި އޭނާ ކުޑަކޮށް ހެވުނެވެ.
ހާރޫނު އޭނާގެ ދޮށި ހިފައިގެން ސައިކަލުން ފައިބަމުން ގޮނޑުދޮށުގައި ހުރި އަންހެން މީހާއަށް ބަލާލިއެވެ. މި ގަޑީގައި މިތާ ފުއްޓަރު ފަރާތުގައި އަންހެނަކު އެކަނިމާއެކަނި ކީއްކުރަނީހެއްޔެވެ؟ މިއީ މިރަށު ކޮން ގެ އެއްގެ ކޮން ކުއްޖެއްބާއެވެ؟ ހާރޫނުގެ ހިތަށް އެތަށް ސުވާލުތަކެއް ވެރިވިއެވެ. އަދި އެއީ ކާކުކަން ދެނެ ގަނެވޭތޯ އޭނާއަށް އެ އަންހެން މީހާއާއި ދިމާއަށް ބަލަހައްޓައިގެން ހިނދުކޮޅަކަށް ނަމަވެސް ހުރެވުނެވެ. އެއީ ކާކުކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. އޭނާއަށް ޔަޤީންވާ ކަމަކީ އެއީ ރަށުގައި މޫނު ނިވާކޮށްގެން އުޅޭ މީހުންގެ ތެރެއިން އޭނާ ދަންނަ މީހެއް ނޫންކަމެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް އެއީ ކާކުކަން ހޯދުމުގެ ޝަޢުޤުވެރިކަން ހާރޫނުގެ ހިތުގައި ހިނގަންފެށިއެވެ.
ހާރޫނަކީ ރީތި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. މޫނުގެ ހަންގަނޑު އަލި ކަމާއެކު އޭނާގެ މޫނުމަތީގެ ފުރިހަމަކަން ފެންނަނީ ފިރިހެންވަންތަކަން ދައްކުވައިދޭ އޭނާގެ ތުބުޅީގެ ސަބަބުންނެވެ. ރީތިވަރަކަށް އޭނާގެ ތުނބުޅި ވަނީ ދިގުކޮށްލެވިފައެވެ. ބޮލުގެ އިސްތަށިގަނޑުގެ ފަންކަމުން ޖެހޭ ވައިރޯޅި އެ އިސްތަށިގަނޑު ގައި ބީހިލުމުން އިތުރަށް ފުރިހަމަކަން ހާމަވެއެވެ. މަސްބޭނުމަށްޓަކައި އޭނާ ލައިގެން ހުރި ސޯޓާއި ޓީޝާޓުގައި ފެންނަލެއް ޗާލެވެ. ހާރޫނަކީ ރަށުގެ އެތަށް އަންހެން ކުދިންނެއްގެ ހިތުގެ އެދުމެކެވެ.
އިރުއޮއްސުމާއި ގާތްވަމުން އަންނާތީ އަވަސް އަވަހަށް އޭނާ މަސް ބޭނުމަށްޓަކައި ގެނައި ތަކެތި ހިފައިގެން މޫދާ ދިމާއަށް ހިނގައިގަތެވެ. އެ މަންޒަރު ފެނި އާބިދާ އޭނާ އިންތަނުން ކުއްލިއަކަށް ތެދުވެ, އެތަނުން ދިއުމަށް ހިނގައިގަނެފިއެވެ. ފުއްޓަރުން އެއްގަމަށް އެރުމަށް އޮންނަނީ އެ ހަނި މަގު އެކަންޏެވެ. އެހެންވެ އާބިދާއަށް އެ މަގާދިމާއަށް ދާން ޖެހުނީ ހާރޫނާއި ފުދޭވަރަކަށް ކައިރިންނެވެ. ދެމީހުންގެ މިސްރާބު ދެ ދިމާއަށް ހުރި ކަމުގައިވިޔަސް ދެ މީހުން އެކަކު އަނެކަކާއި އަރާ ހަމަހަމަވިއެވެ. އެވަގުތު ދެމީހުންގެ ފިޔަވަޅުތަކަށް ކުޑަ ނަމަވެސް މަޑު ޖެހުމެއް އައެވެ. އާބިދާއަށް އެކަން އިޙްސާސުވެ މި ނުދަންނަ މީހާގެ ކިބައިން ސަލާމަތްވުމަށް އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އަދި ބާރު ހިނގުމެއްގައި މަގުތެރެއަށް ވަދެގެން އޭނާ ގޮސްފިއެވެ.
ހާރޫނަށް އާބިދާގެ ޙަރަކާތްތަކަށް ބަލަހައްޓައިގެން ކުޑަ ހިނދުކޮޅަކަށް ހުރެވުނެވެ. އޭނާ މިހާރު މަސް ބޭނުމުގެ ޚިޔާލު ދޫކޮށްލީ ހެއްޔެވެ? ދޮށި ބާވާފައި އޭނާ ފުންނޭވާއެއް ދޫކޮށްލަމުން ބީޗުގައި އިށީންދެލިއެވެ. އަދި އާބިދާ ވަދެގެންދިޔަ މަގާއި ދިމާއަށް އިރުއިރުކޮޅުން ބަލައިލެވެއެވެ. ޚިޔާލުތަކަށް ގެއްލިފައިން ހާރޫނަށް ހޭވެރިކަމެއްވީ މަޣްރިބު ނަމާދަށް ބަންގި ގޮވާއަޑަށެވެ. އޭނާ އަވަސް އަވަހަށް ގެނައި ތަކެތި ހިފައިގެން ގެއަށް ދިއުމަށް ސައިކަލަށް އަރައި ދުއްވާލިއެވެ.
އާބިދާއަށް އޭނާ އުޅޭ ގެޔާއި ހަމައަށް އާދެވުނުއިިރު ބަންގި ގޮވަނީއެވެ. ފާޚާނާއަށްވަދެ އޭނާ ތައްޔާރުވަމުން ދިޔައީ އޭނާގެ ވެރި ރައްބުގެ ނިދާއަށް އިޖާބަ ދިނުމަށެވެ. އެއީ މީހާރު އޭނާގެ އާދައެކެވެ. ކޮންމެ ނަމާދު ވަގުތެއްގެ ކުރީކޮޅު އެ ނަމާދެއް ކުރުމަށް އޭނާ ޚާއްޞަ ސަމާލުކަމެއްދެއެވެ. މައްސަރު ދުވަސްތަކުގައި ކޮންމެ ނަމާދު ވަގުތެއްގައި އާބިދާ ހޭދަކުރަނީ އޭނާގެ މުސައްލާގައި الله ހަނދުމަކޮށް ޛިކުރުކޮށް ޤުރްއާން ކިޔެވުމުގައެވެ. އޭނާގެ މުސައްލައިގައި ފަނަރަ ވަަރަކަށް މިނެޓު ހޭދަކުރުމަށްފަހު އަރާމުކޮށްލަން އެނދުގައި ޖައްސާލިއެވެ.
ދުވަސްތަކަކަށްފަހު މިއީ އާބިދާއަށް ތަފާތު އިޙްސާސްތަކެއް ކުރުވާ ރެއެކެވެ. އޭނާގެ ހިތުގައި ޖަހަމުންދަނީ ހިމާޔަތާއި ރައްކާތެރިކަމަށް އެދި ޖަހާ ވިންދެވެ. ލޯތްބާއި އޯގާތެރިކަމަށް އެދި ޖަހާ ވިންދެވެ. ކުލުނާއި ހަމްދަރުދީ އަށް އެދި ޖަހާ ވިންދެވެ. އޭނާގެ އިޙްސަސްތައް ދަންނަ އެ އިޙްސާސްތަކަށް އިޙްތިރާމުކުރާނޭ ފަރާތެއްގެ އިންތިޒާރީއަށް ކެތްމަދުވެ ޖަހަމުންދާ ވިންދެވެ. މިއަދު އިރުއޮށްސުމާއި ގާތްވެފައިވަނިކޮށް އޭނާއަށް ފެނުނު ޒުވާނާއާ މެދު ބޭއިޚްތިޔާރުގައި ވިސްނެނީއެވެ. އާބިދާއަށް އޭނާ ކަމުދާންވީ ކީއްވެ ހެއްޔެވެ؟ އޭނާ ގަޔާވާ އެއްވެސް ސިފައެއް އެ ފިރިހެން މީހާގެ ކިބައިގައި އެބަހުރިހެއްޔެވެ؟ އާބިދާއަށް ވިސްނެނީއެވެ. ވިސްނަން ބޭނުން ނުވިއެއްކަމަކު އެ ޚިޔާލުތަކުން އޭނާގެ މުޅި ސިކުނޑި ވަށާލައިފިއެވެ. ދުވަސްތައް މާޒީގެ ތެރެއަށް ގޮސް، އޭނާވެސް މިހާރު ކައިވެންޏަކާއިމެދު ވިސްނަމުުން އަންނަތާ ދުވަސްކޮޅެއް ވެއެޖެއެވެ. އެހެނަސް އެ ޚިޔާލުތައް އަންނަ ކޮންމެ ފަހަރަކު އޭނާ ބޭގަރާރުވެއެވެ. އޭނާ އާއި މީހަކު ކައިވެނި ކޮށްފާނެބާއެވެ؟ އޭނާއަށް ހިތް ކިޔާނެ މީހަކު ހުރެދާނެބާއެވެ؟ މި ސުވާލުތައް ހިތަށް ވެރިވާ ކޮންމެ ފަހަރަކު އޭނާގެ ލޮލުން ކަރުނައިގެ ސައިލެއް ފައިބައިގެން ދެއެވެ. އާބިދާ އޭނާގެ މޫނުގައި ބާލީސް އަޅާލީ ރުއިމުގެ އަޑު އެހެން މީހަކަށް އިވުނަ ނުދޭށެވެ.
................................................................
ކާރަށް އެރުމާއިއެކު އޭނާގެ އަނގަމަތީގައި މޫނު ނިވާކޮންގެ ހުރި މީހަކު އަތްއެޅިއެވެ. އަދި ބާރު ސްޕީޑުގައި ކާރު ނައްޓާލައިފިއެވެ. ކާރު ދުއްވާފައި ދިޔައީ ހުޅުމާލެ ބުރިޖާއި ދިމާލަށެވެ. އެކަން އާބިދާއަށް އެނގެއެވެ. އާބިދާގެ ހަށިގަނޑުގައި ހިފަހައްޓާފައިވާ ބާރުކަމުންނާއި އަނގައިން ނުބުނެވޭ ވަރަށް ހިފަހަށްޓާފައި ވުމުން އޭނާއަށް ގުޑުމެއްވެސް ނުގެނެވެއެވެ. ނަމަވެސް އެ ކާކުކަން ނޭނގޭ އެމީހެއްގެ ގައިން ދުވަމުން ދިޔައީ އޭނާ ވަރަށް ދަންނަ ޒާތެއްގެ މަޑުމަޑު ސެންޓެއްގެ ވަހެވެ. އެވަހެއް އޭނާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އާބިދާ އެމީހެއްގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ލޯމަށްޗަށް ފުސްވަމުންގޮސް އެއްކޮށް މަންޒަރު ގެއްލި އަނދިރިކަން ވެރިވެގެން ދިޔައެވެ. (ނުނިމޭ)
ލިޔުންތެރިޔާ
މުޙައްމަދު އަމްޖަދު
މިހާތަނަށް ކޮމެންޓެއް ނެތް
ފެނަކަ ކުޑަހުވަދޫ ބުރާންޗަށް އައު ޖަނަރޭޓަރެއް ގެނެސްފި.
19 October 2025
4
"ރޯސް ބްލޫމްސް" ދ.ކުޑަހުވަދޫގައި މާ ވިއްކާ ފިހާރައެއް ހުޅުވައިފި
18 October 2025
2
މައިދާން ޔޫތު ޗެމްޕިއަންޝިޕް 2025 ގެ ގުރުނެގުން ކުރިއަށް ގެންގޮސްފި
10 September 2025
0
ޕްރޮޖެކްޓް އައްކަންގެ އިސްނެގުމާއިއެކު ދ.ވައްލަ ސާފުކޮށް ނިމިއްޖެއެވެ.
26 August 2025
4
ދ.އަތޮޅުގައި ވަދު ކަނދުފައްޗެއް ޤާއިމުކޮށްފި
25 August 2025
1
އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައްޕައިންގެ ދައުރު
19 August 2025
0