Article Image

ރިޕޯޓް

އާދަ

އިރުއަރާ އޮއްސި ދައުރުވަމުންދާ ދުނިޔޭގައި އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައަށް އަންނަމުންދާ ބަދަލުތަކަކީ ތަޙުޒީބު ހެއްޔެވެ؟ ދުނިޔެވީ އާދަ ނުވަތަ އާދަކާދަ ހެއްޔެވެ؟ ކޮންމެއަކަސް މިއީ ދުރުވިސްނޭ ސިނކުޑިތަކަކުން މިއަދު ވިސްނާ ފިކުރުކޮށް ވާހަކަދައްކަން ޖެހިފައިވާ މަޢުޟޫއެއް ކަމަށް އަޅުގަނޑު ދެކެވެ. ދިވެހިބަހުގެ ބަސްފޮތުން އާދަކާދަ  މިބަހުގެ މާނަކަމަށް ފެންނަނީ " ބަޔަކުމީހުންގެ މެދުގައި ހިނގާފައި ހުންނަ އާދަ " މިހެންނެވެ. ވުމާއެކު އާދަ މިލަފުޛުގެ މާނަ ވަކިންވެސް ބަލާލާން ޖެހެއެވެ. އާދަ މިބަހުގެ ތަފާތު ގިނަ މާނަތަކެއް އެބަހުއްޓެވެ. އެއް މާނައަކީ " ވަކި ޤަވާޢިދަކަށް ހިނގަމުން އަންނަކަމެއް " މިއެވެ. އާއެކެވެ. މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްތުކުރަނީ އަޅުގަނޑުމެންގެ މުޖުތަމަޢުން ގެއްލެމުންދާ ރީތި އާދަތަކާއި، ހަކި ހިއްޕަމުން އަންނަ ނާތަހުޒީބު ނުވަތަ އަޅުގަނޑުމެންގެ އިސްލާމީ ޘަޤާފަތާއި ބީރައްޓެހި އާދަތަކަށެވެ. މީގެތެރެއިންވެސް ފަހަރަކު ކަމަކަށެވެ.

ދިވެހިންގެ ސާދާ ދިރިއުޅުމަކީ ގެވެށިކަމާއި، ކުލުނާއި، އޯގާތެރިކަމުގެ ނަމޫނާއެކެވެ. މީގެ ސާޅީހަކަ އަހަރުކުރިން ދިވެހިންގެ އިޤްތިޞާދު ގެ މައި ހަބަކީ މަސްވެރިކަމެވެ. ކެޔުމާއި، ބުއިމުގެ ސުފުރާއަކީ ގެތަކުގެ ކާގެތަކާއި ބަދިގޭގެ ދުމަށިތަކެވެ. ތިންއިރުގެ ކެޔުމުގެ އިތުރަށް ކޮންމެ ގެއަކީވެސް ހަވީރު ހެދިކާ ހަދައިގެން ހަވީރު ސައިބޮއި އުޅުނު ގޭގެއެވެ. އެއް ގަޑިއަކަށް ގޭގެ އެންމެން ކާން އެއް މޭޒަށް އައުމުގެ ސަބަބުން އާއިލީ ގުޅުންތަށް ވަރަށްވެސް ބަދަހިއެވެ. ޖީބަށް ލުއިވެފައި ޚަރަދު އެހާމެ ކުޑައެވެ. އެކަމަކު ޒަމާން މިއާދަ މާޒީ ކޮށްލައިފިއެވެ. މިއަދު ދިވެހިންގެ ދިރިއުޅުމުގެ ތެރެއިން އެންމެ ބޮޑަށް ބަދަލުވަމުން އަންނަ އެއްކަމަކީ ކެޔުންބުއިމުގެ އާދަތަކެވެ. ޝައްކައެއްނެތެވެ. މިއަދު އަމިއްލަ ގެއިން ހަވީރު ސައިތައްޓެއް ބުއިމީހަކު މަދުވާނެއެވެ. ގޭގައި ހެދިކާ ހެދިޔަސް އެގޭގެ އަހުލުވެރިން އެކާންޖެހޭނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ތަކުންނެވެ. ކޮންމެ ދުވަހަކު ތިންފަހަރު ނުވަތަ ހަތަރުފަހަރު ކެޔުމުގެ ތެރެއިން ބޭއްވުނު އާއިލީ ބައްދަލުވުންތައް މިހާރު ބޭވެނީ ހުކުރު ދުވަހު އެކަނި ނޫންތޯއެވެ؟ ކުލުނާއި، އޯގާތެރިކަމުގެ ބަދަލުގައި ފާޅުވަމުންދަނީ ނަފުރަތާއި ދުރުކަން ނޫންތޯއެވެ. އަދި އެއަށްވުރެވެސް ކަންބޮޑުވާންޖެހޭ ކަމެއް އެބައޮތެވެ. ތަހުޒީބު އަހަރެމެން ބަދިގެ ތަކުން ނެރެ ރެސްޓޯރެންޓް ނުވަތަ ކެފޭތަކަށް ވައްދައިދީފިއެވެ. ވަކި އުމުރެއް ވަކި ޖިންސެއް އިސްތިސްނާ ނުކޮށެވެ. ހަސަބެއް ނަޞަބެއް ފަރަގު ނުކޮށެވެ.

 

ހިތާމައަކީ އެފަދަ ތަންނަށް ވަދެ އަހަރަމެންގެ ބަސްމަގާއި އަޑު ގެންގުޅޭގޮތެވެ. ދައްކާނެ ނުވަތަ ނުދައްކާނެ ވާހަކެއް ނެތުމެވެ. މަލާމާތާއި، ފުރައްސާރަ ކުރުމާއި، ޖަދަލު ކުރުމާއި ޒުވާބުގެ އަޑު ގަދަވުމެވެ. އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ބޮޑެތި މުއްކަރާތްތަކަށް އަރައިގަނެ އެއީ ގަދަކަމާއި، ޝަރަފުގެ ރަނގަބީލު ކަމުގައި އިއްވުމެވެ. އިޖްތިމާޢި މިންގަނޑަށް ނުފެތޭ " ހުތުރު ބަސްމަގު " ބައެއްގެފުށުން ނަމަވެސް ވެށީގައި އާދަވަމުން ދިޔުމެވެ. މިފަދަ ދަށުދަރަޖައިގެ ކަންކަމުގެ ސަބަބުން އާއިލާގެ މެމްބަރުންނާއި، ކުޑަކުދިން ގޮވައިގެން ލަދުވެތިކަމުގެ ޒައްރެއްގެ މިންވަރުވެސް ހުރިމީކަށް ނުވަދެވޭނެ ތަންތަނަށް އެތަންތަންވެ އާއިލީގުޅުމާއި އިޖްތިމާޢީ ގުޅުން އިތުރަށް ހަނިވެ ރޫޅެމުންދިޔުމެވެ.

ވިސްނާލާށެވެ. އަހަރަމެންނަކީ ދިވެހިންނަށް ވީތީ ފަޚުރުވެރިވި ސައްތަ އިން ސައްތަ މުސްލިމުންނެވެ. އާދަކާދަތައް ފޮރެޅެމުންގޮސް ބަދަލުވެ ފުރުޞަތު ދޭންވާނީ މިދީނާއި، މިދީބުގެ ޘަޤާފަތާއި ފުށުނާރާ ހަމަތަކުން އެފަދަ އާދަތަކަށެވެ. އިސްވެ ދެންނެވުނު ކަންކަން ތިބާގެ މޭޒުގައި ހިނގިޔަ ނުދޭށެވެ. އެހެންމީހުންނަށް އިޙްތިރާމާއި، ގަދަރު ކުރާށެވެ. ބަސްމަގު ރިވެތިކޮށް އަޑު ތިރިކުރާށެވެ. އިއްވަން ޖެހޭ މީހަކަށް ނޫނީ ނުއިއްވާށެވެ. ރެސްޓޯރެންޓް ކެފޭތައް ކާގެތަކަށް ބަދަލުވި ފަދައިން މުޅި މުޖުތަމަޢަކީ އާއިލާކަމަށް ބަލާށެވެ. ފަރުދީ ޒިންމާނަގާށެވެ. ގޯސްކަމަށް " އާދަ " ނުވާށެވެ.

ލިޔުނީ: އިބްރާހިމް އާދަމް

އެޑްމިން

ލިޔުންތެރިޔާ

އެޑްމިން

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ