ޚަބަރު
ޢީދު އުފާ ފައުޅުކުރުން އިސްލާމީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ގޮވާލައްވައިފި
ޢީދު އުފާ ފައުޅުކުރުން އިސްލާމީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ގޮވާލައްވައިފިއެވެ.
ޝައިޚް މިފަދައިން ގޮވާލައްވާ، ނަޞޭޙަތްތެރިވެލައްވާފައިވަނީ، އއ. ހިމަންދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭގައި ބޭއްވުނު "ފަހު ޢީދު" މި ނަމުގައި ކުރިއަށް ގެންދެވުނު ޚާއްޞަ ފޯރަމްގައެވެ.
ޝައިޚުގެ ވާހަކަ ފުޅުގައި، ޢީދަކީ ކޮބައިކަމާއި، ﷲ سبحانه وتعلى ޢީދު ޝަރުޢުކުރެއްވި މަޤްޞަދު ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދެއްވިއެވެ. އަދި ރާއްޖޭގައި ޢީދު ފާހަގަ ކުރުމަށް ޓަކައި ކުރެވެމުންދާ އިސްލާމްދީނާ ޚިލާފު މުންކަރާތްތަކުގެ މައްޗަށްވެސް ޝައިޚްގެ މި ފޯރަމްގައި އަލިއަޅުއްވާލެއްވިއެވެ.
"އުފާކުރުމުގެ ގޮތުން ރަށްރަށަށް އެތައް ލައްކަ ރުފިޔާއެއް، އެތައް މިލިޔަން ރުފިޔާއެއް ޚަރަދު ކޮށްގެން، ނަށައިގެން، މިއުޒިކު ކުޅެގެން ވައްވައް ޖައްސައިގެން ކައިބޮއެގެން އުޅޭ މީހުން އަޅުގަނޑުމެން ރަށަށް މިއަރުވަނީ، އަރުވައިގެން މުޅި ރައްޔިތުން ހައެއްކަ ރޭވަންދެން އެކަމުގެ ތެރޭގައި މަޝްޣޫލު ކުރުވަނީ، މިއަށް މިކިޔަނީ ޢީދުގެ އުފާކުރުމޭ" އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވިއެވެ.
އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުންވެސް ކުރެވެމުންދަނީ، ޢީދަށް ތައްޔާރުވުމުގެ ގޮތުން ތަފާތު މުންކަރާތްތައް ކުރުމުގައެވެ. އޭގެ ބަދަލުގައި މިމާތް ދުވަސްތައް ﷲ އަށް ކިޔަމަންތެރިވެ، ހެޔޮ ޢަމަލުތައް ކުރުމުގައި ހޭދަ ކުރުމަށް ޝައިޚް ނަޞޭޙަތެރިވެލެއްވިއެވެ.
"އަޅުގަނޑުމެން ޢީދުގެ ކަންތަކަށް ތައްޔާރުވަމުން ދަނީ މިހާރުވެސް، މިއީ އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދިހަ ދުވަސް. މި ދިހަ ދުވަހުގެ ތެރޭގައި އެންމެ ބިޒީ ވާނީ ޢީދަށްޓަކައި، އަޅުގަނޑުމެން ޚަލުޤު ކުރެވުނީވެސް ޢީދަށްޓަކާ ހެން ހީވަނީ، ފުރަތަމަ އަޅުގަނޑުމެން ބަލަންވީ މި ދިހަ ދުވަހުގެ މާތްކަން ލިބިގަނެވޭތޯ. މި މާތްދުވަސްތަކުގައި އަޅުގަނޑުމެން އަޅުކަން އަދާ ކުރެވޭތޯ. މިފަދަ މޫސުމެއް އަޅުގަނޑުމެންގެ ޙަޔާތުގައި ތަކުރާރުކޮށް ނައިއްސާނެ" ޝައިޚު ވިދާޅުވިއެވެ.
ސަޤާފަތުގެ ނަމުގައިވިޔަސް އަދި ޢީދުގެ ނަމުގައިވިޔަސް، އިސްލާމްދީނާ ޚިލާފު ކަންކަން ނުފަތުރައި އިސްލާމީ އިމުގެ ތެރެއިން ޢީދުގެ އުފައު ފައުޅުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށާއި، އަދި އެ ފުރުޞަޠު ރައްޔިތުންނަށަ ފަހި ކޮށްދެއްވަން ޖެހޭނެ ކަމުގައި ޝައިޚު ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
"ހެޔޮވެރިކަމެއް ކުރި ބަޔަކަށް ނުވާނެ، އިސްލާމީ ޤައުމެއްގައި އެ ޤައުމުގެ އަހުލުވެރިންގެ ދީނާ ޚިލާފު ޙަރަކާތްތައް ސަޤާފަތުގެ ނަމުގައިވިޔަސް، ޢީދު ފާހަގަ ކުރުމުގެ ނަމުގައިވިޔަސް ފަތުރަމުން ގެންދިއުމަކީ، އެއީ ހެޔޮވެރިކަމެއް ނޫން، އެއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގޭނެ ވެރިކަމެއް ނޫން. ހެޔޮއެދޭ ވެރިކަމެއް އޮތްކަމަށް ވާނަމަ، އެ ވެރިކަމަކުންވެސް މިފަދަ ކަންކަން ވާނީ ހުއްޓުވަން ، ރައްޔިތުންނަށް އެބައިމީހުންގެ ދީނީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢީދު ފާހަގަ ކުރުމުގެ ފުރުޞަޠު ހޯދައިދޭން ޖެހޭނެ" ޝައިޚު އިތުރަށް ވިދާޅުވިއެވެ.
"ރަށުގެ ރައްޔިތުން ކުރިއަސް، ކައުންސިލުން ކުރިއަސް ކޮންމެ ޖަމާޢަތަކުން، ކޮންމެ ޖަމްޢިއްޔާއަކުން ކުރިކަމުގައިވިޔަސް، ކޮންމެ ޓީމަކުން ކުރިކަމުގައިވިޔަސް ކޮންމެ ވުޒާރާއަކުން ކޮންމެ ސަރުކާރަކުން ކުރިކަމުގައިވިޔަސް އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ﷲ ސުބުޙާނަހޫ ވަތަޢާލާއާ ގިނިކަންޏާ ބައްދަލު ކުރަންޖެހޭނެކަން އިޙުސާސް ކޮށްގެން އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙު ކުރަންވީ. ޢީދަކީ އަޅުގަނޑުމެންނަށް އުފާ ލިއްބައިދެވޭނެކަމެއް، ޢީދު ފާހަގަކުރަންވީ ، ޢީދުގެ އުފާ އަޅުގަނޑުމެން ލިބިގަންނަމުން ހަމަ ދާންވީ އެހެންނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަލާލު ކުރައްވާ ހުއްދަކުރައްވާފައިވާ އިމުގެ ތެރޭގައި." ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލުތަކުންވެސް، ޖަމްޢިއްޔާތަކުންވިޔަސް، އަދި ވުޒާރާއަކުންވިޔަސް ޢީދު އުފާ ފައުޅު ކުރުމުގައި އިސްލާމީ އިމުގެ ތެރޭގައި ޢީދު އުފައު ފައުޅުކުރުމަށް ނަޞޭޙަތްތެރިވަމުން ޝައިޚް ވިދާޅުވިދާޅުވިއެވެ.
ހަފްތާ ބަންދު ދަރުސް ޕްރޮގްރާމަކީ، ކޮންމެ ހަފްތާއެއްގެ ހަފްތާ ބަންދާ ދިމާކޮށް، ރާއްޖޭގެ ރަށްރަށުގައި އިސްލާމްދީނާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން، ރަށްރަށުގެ ކައުންސިލްތަކާއި ޖަމްޢިއްޔާތަކާއި އަދި އެކިއެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭ ޚާއްޞަ ޕްރޮގްރާމެކެވެ.
މިގޮތުން، ނިމިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމަކީ، އއ. ހިމަންދޫ ކައުންސިލްއާއި އެރަށުގެ އެކިއެކި ޖަމްޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.
ލިޔުންތެރިޔާ
އެޑްމިން
މިހާތަނަށް ކޮމެންޓެއް ނެތް
ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖުގެ ފޯރިގަދަ ފައިނަލް މެޗު މިރޭ
02 June 2026
0
ބޭއިންސާފު ނިންމުންތަކެއް؛ އެފް.އޭ.އެމްގެ ނިންމުން އަލުން ބެލުމަށް ކުޑަހުވަދޫ ކައުންސިލުން އިލްތިމާސްކޮށްފި.
28 May 2026
0
ޢަރަފާތް ދުވަހުގެ އެންމެ މާތް ދުޢާ: މާނައާއި މުހިންމުކަން
25 May 2026
0
އާއިލާއާއި ރައްޓެހިންނާއެކު މަސްދަތުރަކަށް ދާން ބޭނުންތަ؟ "އައްކޮ ފިޝިންގ" އަކީ ހަމަ އެއްވަނަ!
25 May 2026
0
ޢީދަށް މަރުޙަބާ ކިޔުމަށް ކުޑަހުވަދޫގެ ހިތްގައިމު "ފިތުރޯނު ސަރަހައްދު" ރައްޔިތުން ގުޅިގެން ސާފުކޮށްފި
24 May 2026
1
ޢީދަށް ތައްޔާރުވުމުގެ ގޮތުން "ވައްލަ" ސާފުކުރުމުގެ ޙަރަކާތެއް ބާއްވައިފި
24 May 2026
0