"ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖު 1446" ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާވައިފި
އެޑްމިން
"ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް މިރޭ ބާވައިފިއެވެ. މިރޭ އަކިރޭރި ފުޓްސަލް ގުރައުންޑުގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތް އިފްތިތާޙުކޮށްދެއްވީ ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަލްފާޟިލް ޖާދުﷲ ހަމީދާއި ކުޑަހުވަދޫގެ އެންމެ ފުރަތަމަ ކޯޗުކަން ކޮށްދެއްވާފައިވާ އަލްފާޟިލް ޢަލީ ވަޙީދެވެ.
މި ރަސްމިއްޔާތުގައި ކުޑަހުވަދޫގެ މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް ގިނަ ޢަދަދެއްގެ ބަޔަކު އަކިރޭރި ސަރަޙައްދަވަނީ ޙާޟިރުވެފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ ޓްރޮފީ އަދި ކިންގ އޮފް ދަ ޓޯނަމަންޓް ގެ ތާޖުވަނީ ދައްކާލާފައެވެ. ޓްރޮފީ އަދި ތާޖު ޝަރަފުވެރި މެހެމާނުންނަށް ގެންގޮސްދިނީ ކުޑަހުވަދޫގެ ކުރީގެ މަޝްހޫރު ދެކުޅުންތެރިން ކަމުގައިވާ އަޙްމަދު ރަޝީދު (ހީނާބެ) ގެ އިތުރުން އަޙްމަދު އިބަރާހިމް (ބުލޭ) އެވެ.
މިރޭގެ ރަސްމިއްޔާތު ޝަރަފިވެރިކޮށްދެއްވައި ކުޅުންތެރިންނާއި މުޚާތަބުކޮށް ކައުންސިލުގެ ރައީސްގެ ވާހަކައިގައި، ކުޅިވަރުގެ ރޫޙާއިއެއްގޮތަށް ކުޅުމަށް ނަޞޭޙަތްތެރިވިއެވެ. މުބާރާތް އިފްތިތާޙު ކޮށްދެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި މުބާރާތުގެ ތީމް ސޯންގ ވަނީ ރިލީސްކޮށްފައެވެ. މި ލަވައިގެ ޅެން ހައްދަވާދެއްވާފައިވަނީ ކުޑަހުވަދޫގެ އަންހެން ކަނބަލެއްކަމުގައިވާ އަނީސާ އިދުރީސް އެވެ. އަނީސާ (މިސް) ގެ މި ފުރިހަމަ ޅެން ހުށަހަޅާދީފައިވަނީ ރާއްޖޭގެ މަޝްހޫރު މަދަހަ ކިޔުންތެރިތާ މޫސާ ޝިފާއުއެވެ.
ކުޑަހުވަދޫ ބޮޑުޢީދު ފުޓްސަލް ޗެލެުންޖުގައި ޖުމުލަ 9 ޓީމު ބައިވެރިފައިވާއިރު ، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 13 ޖޫންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް