ފިރިހެންވަންތަކަން ދަރިފުޅުގެ ކިބައިގައި އަށަގެންނެވުމަށް ކުރެވިދާނެ 10 ކަމެއް
ހުޝާމާ އަޙްމަދު
ފިރިހެންވަންތަ ސިފައާއި އަޚްލާޤު ހުންނަ، ފިރިހެނެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރުމަށްޓަކައި، ދަރިފުޅު އެންމެ ތުއްތު އިރުއްސުރެ، އާދަކުރުވަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ތިރީގައި މިވަނީއެވެ.
1- ދަރިފުޅަށް ގޮވުމަށްޓަކައި ކުންޔާއެއް ބޭނުންކުރުން. މިސާލަކަށް؛- އަބޫ ޢަބްދިﷲ، އަބޫ ޢުމަރް. މިގޮތަށް ގޮވުމުން، ދަރިފުޅަށް އޭނާއަކީ ޒިންމާދާރު ފަރާތެއްކަމުގެ އިޙްސާސްކުރެވޭނެއެވެ.
2- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚްލާޤާއި، އެކަލޭގެފާނު ހޯއްދަވާފައިވާ ނަޞްރާއި، ޞަޙާބީންނާއި، މުސްލިމުން ހޯދާފައިވާ ނަޞްރުތަކާއި ކާމިޔާބީތަކުގެ ވާހަކަތައް ކިޔައިދިނުން. މީގެ ސަބަބުން ދަރިފުޅުގެ ހިތް އެބޭކަލުންނާއި ގުޅިގެންދާނެއެވެ.
3- ބައްޕައާއި އެކު ދަރިފުޅު، ފިރިހެނުންގެ މަޖްލިސްތަކަށް ގެންދިއުން، އަދި ބައްޕަގެ މެހެމާނުންނަށް ކަމޭހިތުމުގައި ބައިވެރިކުރުވުން. މީގެ ސަބަބުން އޭނާގެ ސިކުނޑި ތަރައްޤީވެ، އެމީހުންގެ އުޅުން ހުންނަގޮތާއި، އަދި ވާހަކަދެއްކުން ހުންނަގޮތުގެ ހެޔޮ އަސަރު ކުއްޖާއަށް ކުރާނެއެވެ. (މީގައި، ހިމެނެނީ ރަގަޅު އަޚްލާޤުގެ ވެރިންނެވެ.)
4- ބޮޑެތި މީހުންނާއި މުޢާމަލާތްކުރުމުގައި ގެންގުޅެންޖެހޭ އަދަބު ދަސްކޮށްދިނުން، އަދި އެމީހުންނަށް އިޙްތިރާމްކުރަން ދަސްކޮށްދިނުން.
5- ޢާއިލާއާއި ގުޅުން ހުރި ކަންކަމުގައި، ދަރިފުޅާއި ސުވާލުކޮށް، އޭނާގެ މަޝްވަރާއާއި ލަފާ ހޯދުން.
6- ތީރު އުކުމާއި، އަސް ދުއްވުމާއި، ފެތުން ކަހަލަ ކުޅިވަރު ދަސްކޮށްދޭ ތަންތަނަށް ގެންދިއުން. މިފަދަ ކުޅިވަރުތަކުގެ ސަބަބުން، ކަންކަމާއި ކުރިމަތިލުމުގެ ޖޯޝު އުފެދި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެންދާނެއެވެ.
7- އެހެން މީހުންގެ ތެރޭގައި، ދަރިފުޅުގެ ޝަޚްޞިއްޔަތަށް އިޙްތިރާމްކުރުން. މިގޮތުން، މީހުންގެ ތެރޭގައި، ދަރިފުޅު ނުރުހޭ ނަންނަމުން އޭނާއާއި މުޚާޠަބު ނުކުރުމާއި، އޭނާއަށް މަލާމާތް ރައްދުވާފަދަ ގޮތަކަށް، ނުވަތަ އޭނާ ދަށްކޮށްލެވޭފަދަ ގޮތަކަށް ވާހަކަ ނުދެއްކުން ހިމެނެއެވެ.
8- އަންހެން ދުޅާކަމާއި ރަނޑުކަން އަށަގެންފާނެ ފަދަ ކަންކަމުން ދަރިފުޅު ދުރުހެލިކުރުވުން. އޭގެ ތެރޭގައި ނެށުމާއި، އަންހެނުންނާއި އެއްގޮތްވުމުން ދުރުކުރުން ހިމެނެއެވެ.
9- ބޭކާރު ފައިދާއެއްނެތް އެއްވުންތަކުންނާއި، ލަވަޔާއި މިއުޒިކުން ދަރިފުޅު ދުރުކުރުވުން.
10- ފިރިހެންވަންތަކަން ފާޅުވާގޮތަށް ހެދުން އެޅުވުމާއި، އިސްތަށިގަނޑު ބެހެއްޓުން. މިގޮތުން އަންހެންކުދިންގެ އިސްތަށިގަނޑު ހުންނަ ގޮތަށް ދިގު ނުކުރުމާއި، ހަމައެފަދައިން އަންހެނުންނާއި އެއްގޮތްވާ ގޮތަށް އިސްތަށިގަނޑު ނުކޮށުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް