Article Image

ވާހަކަ

ވާހަކަ: އާބިދާ ( 5 ވަނަ ބައި )

އާބިދާ އެމީހެއްގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ލޯމަށްޗަށް ފުސްވަމުންގޮސް އެއްކޮށް އަނދިރިކަން ވެރިވެގެން ދިޔައެވެ. ދެން ވީގޮތެއް އޭނާއަކަށް ނޭނގެއެވެ.

މުޅި ކޮޓަރީގެ ތެރޭގައިވަނީ މަޑުމަޑު ފޮނިވަހެެކެވެ. އާބިދާއަށް ހޭލެވިއްޖެއެވެ. އޭނާއަށް ބޮލުގައި ކުޑަ ބަރުކަމެއް ހުރިކަން އިޙްސާސްވިއެވެ. ރަނގަޅަށް ލޯ ހުޅުވާލުމަށްފަހު އޭނާއަށް ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގާލެވުނެވެ. އެއީ ތަނަވަސް ރީތި ކޮޓަރިއެކެވެ. އެނދުގެ އެއްފަރާތެއްގައި ކުޑަ ކަބަޑެއް ހުއްޓެވެ. އެނދުގެ ކުރިމަށްޗަށްވާހެން އަލަމާރިއެއް ބެހެއްޓިފައިވެއެވެ. އޭނޭގެ ކަނާތްފަރާތުން ނޫކުލައިގެ ކާޓެއިންއެއް ލާފައިވާ ކަހާދޮރެއް ހުއްޓެވެ. އެ ދޮރުން ބޭރުން އަލިކަން ފެންނަން ހުރުމުން އެއީ ދުވާލުކަން އޭނާއަށް އެނގެއެވެ.

އާބިދާ އޮތީ ހުދު ބެޑްކަވަރ އެއްގެ ދަށުގައެވެ. އޭނާ މަޑުމަޑުން ތެދުވަން މަސައްކަތް ކުރިއެވެ. އެވަގުތު އޭނާ ކުޑަކޮށް ހައިރާވިއެވެ. އަދި ކަންބޮޑުވިއެވެ. އޭނާގެ އަންނަނުތައް ކޮބައިހެއްޔެވެ! ތަންކޮޅެއް ދުރުގައި ހުރި ސޯފާއެއްގެ މަތީގައި އޭނާގެ ހެދުންތައް އެއްވެސް ތަރުތީބެއް ނެތް ގޮތަށް ހުއްޓެވެ. އޭނާ މަޑުމަޑުން ތެދުވިއެވެ. އަދި އަވަސް އަވަހަށް އޭނާގެ ހެދުންތައް ލާންފެށިއެވެ. ރޭގައި ކަންތައްވީ ކިހިނެއް ހެއްޔެވެ؟އާބިދާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. ރިހޭ ފައި މައްޗަށް ފޮއިވެއްޓުނު ކަހަލައެވެ. އޭނާގެ ބޮލުގައި ރިހުމުގެ އިތުރުން ގައިގައި ހުރި ވާންކަން އިތުރުވެ މެޔަށް ތަދުވާން ފަށައިފިއެވެ.

މަޑު މަޑު ހިނގުމެއްގައި އޭނާ ދޮރޮ ފޮތިގަނޑާއި ދިމާއަށް ދިޔައެވެ. އަދި ދޮރު ކަހާލުމަށްފަހު ބޭރަށް ނިކުތެވެ. އޭނާއަށް މިހުރެވެނީ ކޮންތަނެއްގައިކަން އެނގުނީ ދެނެވެ. އެއީ މީގެ ކުރިން އޭނާ އައިސްފައިވާ ތަނެކެވެ. އެހެންނަމަވެސް މިފަހަރުގެ އޭނާ އެތަނަށް އައިގޮތް ތަފާތެވެ. އާބިދާއަށް ހުރެވުނީ ސަފާރީއެއްގެ ފަސްޓް ފުލޯގައެވެ. އެކަމަކު އޭނާ އެތަނަށް ގެނައީ ކޮންބައެއްހެއްޔެވެ؟ ސަފާރީގައި ދެން އިތުރު ބައެއް ނޫޅެނީ ހެއްޔެވެ؟ ސުވާލުތަކުގެ ތެރޭގައި އޭނާއަށް ހުޅުމާލޭ މަލަމައްޗަށް ބަލަހައިޓައިގެން ދޮރު ކައިރީ ގައި އިރުކޮޅަކު ހުރެވުނެވެ. އާބިދާ އޭނާގެ ފޯނު މަތިން ކުއްލިއަކަށް ހަނދާންވެ ފޯނު ފެނޭތޯ ކޮޓަރީގެ ތަންތަން ބަލަންފެށިއެވެ. އެހެންނަމަވެސް އޭނާގެ ފޯނެއް ނުފެނުނެވެ. ހާސްކަން ފޮރުވަން އުޅުނަސް އޭނާ ވަނީ ހާސްވެ ކަންބޮޑުވެފައެވެ. ގަޑިން ވީއިރެއް ނޭނގޭއިރު އޭނާ ގެއްލިގެން މަންމަމެން ހޯދަން އުޅެފާނޭ ކަމުގެ ބިރު މިހާރު ހިތުގައި އެބައޮތެވެ. އާބިދާ އޭނާ ހުރި ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެވަގުތު އޭނާއަށް ބޭރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. އޭނާއަށް އެއިވުނީ ދަންނަ ފަރިތަ އަޑެކެވެ. އާބިދާ އެނދުމަތީގައި އިށީނދެލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށްވަނީ ޔުމާން އެެވެ. ޔުމާނު ފެނުމުން އާބިދާއަށް ކުޑަ ނަމަވެސް ހިތް ހަމަޖެހުމެއް ލިބުނެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ޔުމާނާއި ދިމާއަށް އޭނާއަށް ދެވުނެވެ. އަދި ޔުމާނުގެ ދެ އަތުގެ ހިމާޔަތުގެ ތެރެއަށް އޭނާ ވަނެވެ. އެހެންނަމަވެސް ރޭގައި ކަންތައް ހިނގާދިޔަ ގޮތާއިމެދު އޭނާގެ ހިތުގައި ސުވާލުތަކެއް އެބަހުއްޓެވެ؟  ޔުމާނު އޭނާ އެ ގޮތަށް ސަފާރީއަށް ގެންނަން ޖެހޭ ސަބަބެއް އޭނާގެ ސިކުނޑިއަކަށް އަދިވެސް ނުވިސްނެއެވެ. އެކަމުގައި އަޑިނޭނގޭ ކަންތައްތަކެއް ފޮރުވުވިފައިވަނީ ހެއްޔެވެ؟

...........................................................................................

މާޒީގެ ޞަފުޙާތަކުގެ ތެރެއަށް ގެއްލިފައި އޮތް އާބިދާ, އެ ޚިޔާލުތަކުގެ ތެރެއިން ނެރެލީ އޭނާގެ ކޮޓަރީގައި މީހަކު ޓަކި ޖަހާ އަޑަށެވެ. " އާބީ.. އާބީ.." އޭނާއަށް އެ ގޮވަނީ އެކުވެރި ފާތުންނެވެ. އެއީ ދެގޮތެއް ނުވެ އޭނާ އެންމެ ބޭނުންވި ދުވަހު އަޅާލައި އޭނާގެ ވާހަކަތައް އަޑުއެހި ހެޔޮއެދޭ ރަޙުމަތްތެރިޔާއެވެ. އެއީ މަދަރުސީ ޙަޔާތުން ފެށިގެން އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އާބިދާގެ ކަންކަން ހުންނަ ގޮތުން ފާތުން އޭރުވެސް އޭނާއަށް ނަޞޭޙަތްދީ އުޅުނެވެ. އެހެންނަމަވެސް އެއީ ކަޓު ބޯދާ ވާހަކަތަކެއްކަމަށް އޭރު އާބިދާ ބުނެ އެހެން މައުޟޫއަކަށް އަބަދުވެސް ފާތުންގެ ވާހަކަތައް އަނބުރާލައެވެ. މިއަދު ރަނގަޅު ރަޙުމަތްތެރިއަކު ހުރުމުގެ މުހިއްމުކަން އާބިދާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އާބިދާ ކުޑަހުވަދުއަށް އައީ ފާތުންގެ އެދުމަކަށެވެ. އޭނާ އެ ރަށުގައި ހުންނަނީ ފާތުންގެ ގޭގައެވެ. ފާތުންގެ ފިރިމީހާ ފަހީމު ވީ ކޯހެއްގައި މެލޭޝިޔާގައެވެ. އެހެން ކަމުން އެ ގޭގައި އުޅޭނީ ފާތުންގެ މަންމަ އާއި ފާތުންގެ އިތުރުން އޭނާގެ 3 އަހަރުގެ ދަރިފުޅެވެ. ކާރޫބާރު ބޮޑު މާލޭގެ މާޙައުލުން ނިކުމެ ރަށެއްގެ ހިތްފަސޭޙަ މާޙައުލެއްގައި އުޅުމަކީ ނުހަނު ހިތްހަމަޖެހުން ގެނެސްދޭ ކަމެއްކަން ކުޑަހުވަދޫގައި ހޭދަކުރެވުނު އެއް މަސް ދުވަހުގެ ތެރޭގައި އާބިދާއަށް ވަނީ އިޙްސާސު ކުރެވިފައެވެ.

އާބިދާ އޭނާގެ ދެ ލޯ ފުހެލަމުން ގޮސް ދޮރު ހުޅުވާލިއެވެ. "އާބީ.. ރޮނީތަ!" ފާތުން އެތެރެއަށް ވަންނަމުން ސުވާލެއް ކުރިއެވެ. "އެއީ އެހެންވީ ކަމެއް ނޫން.." އާބިދާ އޭނާގެ ހިތުގެ އުދާސްތައް ފޮރުވަން އުޅުނެވެ. އެހެން ނަމަވެސް އޭނާ ފެންނަ ކޮންމެ މީހަކަށްވެސް ކަމަކާ އޭނާ ހިތާމަ ކުރަމުންދާކަން އެނގޭނެއެވެ. އާބިދާގެ މޫނުން އެކަންކަން ފާތުންނަށް ދެނެގަނަން ވަރަށް ފަސޭހައެވެ. "އާބީ.. މިރޭ ކާންވެސް ނުނިކުންނާތީ މިއައީ.. މިހާރު ގަޑިން އަށް ގަޑި ބައިވެއްޖޭ.. ހިނގާބަލަ އަހަރެންނާއެކު ކާން.. " ފާތުން އައި ބޭނުން އޭނާ ހާމަކުރެިއެވެ. ފާތުން އަބަދުވެސް އެދެނީ އޭނާގެ އެކުވެރިޔާ ހިނިތުންވެ އުފަލުގައި ހުރުމަށެވެ. އެކަން ކުރުމަށް ފާތުންނަށް ކޮށްދެވެން ހުރި ކަމެއް ނަމަ އޭނާ އެކަމެއް ކުރާނެއެވެ. މިރޭވެސް އާބިދާ އޭނާގެ މާޒީން ކަމެއް ހަނދާން ކުރަނީ ކަން ފާތުންނަށް ނަގައި ގަނެވުނެވެ. " އާނ! ހިނގާ.. އަހަރެންވެސް ވަރަށް ހައިވެއްޖެ.." އާބިދާ އޭނާގެ ބުރުގާ ރީތިކޮށްލަމުން ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. އެހެންނަމަވެސް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ފާތުން ބުނި އެއްޗަކުންނެވެ. " އާބީ..! އުޅެބަލަ މީހަކާ އިންނަން!" އާބިދާ އަށް ބަލަހައްޓައިގެން ހުރެ ފާތުން ބުނެލިއެވެ. އާބިދާގެ މޫނުމަތީގެ އަސަރު ފެނި ފާތުން އަނެއްކާވެސް ބުނެލިއެވެ. " މިރަށުގައި 1 މަސް ވީއިރު ހަމަ އިންނަން ބޭނުންވާ ކަހަލަ މީހަކާ ދިމަލެއް ނުވޭ.." މިހެން ބުނެ ފާތުން ހޭން ފެށިއެވެ. ބޭނުމަކަށްވީ އާބިދާގެ މޫނަށް ހިނިތުންވުމެއް ވެރިކުރުވުމެވެ. " ހޫނ.. މިއީ ފިރިހެނުން ރީތި ރަށެއްތަ! އެ ނޫންނަމަ ފާތުންވެސް އިނދެގެން އުޅޭނީ މި ރަށު މީހަކާ އެންނު.." އާބިދާ ޖެއްސުމުގެ ރާގަކަށް އެހެން ބުނެލި ނަމަވެސް އޭނާގެ ހިތުގައި މިއަދު ފެނުނު ޒުވާނާ އާއި މެދު ޝަޢުޤުވެރިކަމެއް އެބަހުއްޓެވެ. އެހެންނަމަވެސް ފާތުންނާ އެ ވާހަކަ ހިއްސާކުރަން އަދި އަވަސްކަމުގައި އޭނާގެ ސިކުނޑި ބުނަމުން ދިޔައެވެ. ސަބަބަކީ އެއީ މިޔަދު އެކަނި ފެނުނު މީހެއްކަމުން އިތުރު އެއްވެސް ކަމެއް އޭނާއާއި ބެހޭ ގޮތުން އާބިދާއަށް އެނގިފައި ނުވުމެވެ. އަދި އެއީ މީހެއްގެ ފިރިއަކަށް ވެދާނޭތީވެ އެކަމުގެ ޖެހިލުންވުން އޭނާގެ ހިތުގައި އެބައޮތެވެ. (ނުނިމޭ)

މުޙައްމަދު އަމްޖަދު

ލިޔުންތެރިޔާ

މުޙައްމަދު އަމްޖަދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ